އޭރުގައި އޭނާގެ އުމުރުން ވާނީ އެންމެ 10 އަހަރެވެ. ސެޕްޓެމްބަރު 19، 2003 ވަނަ ދުވަހު ކ. މާފުށީ ޖަލުގައި އީވާން ނަސީމް މަރާލުމާ ގުޅިގެން ޖެހިގެން އައި ދުވަހު މާލޭގައި ހިންގި ހަމަނުޖެހުންތަކުގައި ޕޮލިސް ސްޓޭޝަންތައް އަންދާލައި ފުލުހުންގެ ވެހިކަލްތަކުގައި ހުޅު ޖެހި ހަބަރު ގޭތެރެއިން ލިބުމާ އެކު، ކޮންމެހެން ވެސް އެ މަންޒަރުތައް ބަލަން ބޭނުންވިއެވެ. އެއީ ޖަލު ފަޅާލާފައި ނުކުތް ގައިދީންނާއި އެމީހުންނާ ބައިވެރިވި މީހުންނަށް ހިތްވަރުދޭން ބޭނުންވެގެން ނޫނެވެ.
އެ އެމީހުން އެ ކުރީ ގާނޫނާއި ގަވައިދުތަކާ ހިލާފު ކަމެއް ކަން އޭރު ވެސް ހިތުގައި އޮތެވެ. އޭރު ގެއާ އެންމެ ކަރީގައި ހުރީ ގަލޮޅު ފުލުސް އޮފީހެވެ. އެއީ ބުރުޒު މަގު، ސިނަމާލެ ފްލެޓު ތިރީގައި ހަދާފައި ހުރި ވަރަށް ކުޑަކުޑަ "ކޮޓަރިގަނޑެއް" ކަހަލަ ތަނެކެވެ. ފުލުސް އޮފީހުގައި ރޯކޮށްލަން އައި މީހުންގެ މަންޒަރުތައް "ވަގު ވަގަށް" ބަލާލެވުނު އެކަކަކީ މިހާރު "ވަގުތު" އޮންލައިންގެ ޑެޕިއުޓީ އެޑިޓަރަކަށް މަސައްކަތް ކުރާ މުހައްމަދު ޔާމީނެވެ. އޭރު ގައިދީންނާއި އެމީހުންގެ ބައިވެރިން ފުލުސް އޮފީހާ އަރާ ހަމަވަނީއެވެ.
އެމީހުންގެ އަތުގައި ލަކުޑި ބުރި އާއި އެކި ޒާތް ޒާތުގެ ހަތިޔާރުތައް ހުއްޓެވެ. ފުލުސް އޮފީހުގައި ރޯކޮށްލުމަށް ފަހު އެމީހުން ދިޔައީ ހެންވޭރާ ވީކޮޅަށެވެ. ފުލުހުންގެ އެކަކު ވެސް އެ ސަރަހައްދުގައި ފެންނާކަށް ނެތެވެ. ފުލުހުންގެ ސައިކަލެއް ފެނުނު ކަމުގައި ވިޔަސް، ހުޅު ޖަހައި ރޯކޮށްލަނީއެވެ. ފުލުސް އޮފީހުގައި ހުޅު ޖެހި މީހުންނަށް ހިތްވަރުދީ، އެތަނަށް އެއްވި އާންމުން "އަތްތިލަ ބަޑި" ޖެހި އަޑު އިއްޔެވީ ކަމެއްގެ ގޮތުގައި ކަންފަތުގައި އަދިވެސް ހަރުލާފައިވެއެވެ.
ނޫސްވެރިކަމުގެ ދާއިރާ އަށް ވަންނަން ޔާމީނަށް އެންމެ ބޮޑު ހިތްވަރެއް ލިބުނީ އެ ހާދިސާއިންނެވެ. ނޫސްވެރިކަން ކުރުމާއި ހަބަރު ހޯދުމާއި މައުލޫމާތު އެއް ކުރުމުގެ ޝައުގުވެރިކަން އުފެދެން ފެށިއެވެ. ކޮންމެ ރެއަކު ރޭގަނޑު ޓީވީއެމް އިން ގެނެސްދޭ 8 ގެ ހަބަރު ބެލުމަށް ވަރަށް ގަޔާވިއެވެ. ފަހުން އައިސް، ދިޓީވީން ގެނެސްދޭ ހަބަރުތަކާއި ހަބަރަށް ފަހު ގެނެސްދޭ ޕްރޮގްރާމްތަކަށް ވަކިން ބޮޑަށް ޝައުގުވެރިވިއެވެ. ދިޓީވީން ކޮންމެ ހުކުރަކު ގެންނަ ރިޕޯޓަށް އިންތިޒާރު ކުރެވުނެވެ.
ޔާމީން ނޫސްވެރިކަމުގެ ދާއިރާއާ ގުޅުނީ 2009 ވަނަ އަހަރެވެ. އޭނާ އެންމެ ފުރަތަމަ މަސައްކަތް ކުރަން ފެށީ "އެމްވީޔޫތު" ނަމަކަށް ކިޔާ ލެޓިން ފޯރަމެއްގައި ޖެނުއަރީ 2019 ގައެވެ. އެ ތަން ރީބްރޭންޑްވެ، "ވަގުތު" އޮންލައިންގެ ނަމަށް 2014 ގައި ބަދަލުވުމާއެކު، އެ ނޫހުގައި ނިއުސް ހެޑްގެ ގޮތުގައި އަހަރެއްހާ ދުވަހު މަސައްކަތް ކުރިއެވެ. އޭގެ ފަހުން 2015 ވަނަ އަހަރުގެ ފަހުކޮޅު ޔާމީން ގުޅުނީ ރާއްޖޭގެ މަޝްހޫރު ދުވަހު ނޫސް، "ހަވީރު" އާއެވެ. އެ ނޫހުގައި ތިން މަސް ވަންދެން މަސައްކަތް ކުރިއެވެ.
"ހަވީރު" ނޫސް ހުއްޓާލަން ދެން އެ ނޫހުގައި ޔާމީން މަސައްކަތް ކުރިއެވެ. އެ ނޫސް ހުއްޓާލުމަށް ފަހު އުފެއްދި "މިހާރު" ނޫހުގައި 2016 އިން ފެށިގެން ހަތަރު އަހަރު ދުވަހު މަސައްކަތް ކުރިއެވެ. "ވަގުތު" ނޫހާ 2010 ވަނަ އަހަރު އަލުން ގުޅި މިހާރު މަސައްކަތް ކުރަނީ އެ ނޫހުގެ ޑެޕިއުޓީ އެޑިޓަރަކަށެވެ.
ޔާމީން ފާހަގަވެފައި ވަނީ ރާއްޖޭގައި ހިނގާ ބޮޑެތި ކަންކަން އާންމުންނަށް ގެނެސްދިނުމަށް މަސައްކަތް ކުރާ ނޫސްވެރިއެއްގެ ގޮތުގައެވެ. ރާއްޖެ އާއި ރާއްޖެ އިން ބޭރުގައި ހިނގާ ބޮޑެތި ކަންކަން ކަވަރު ކުރުމުގައި ޔާމީން ވަނީ ނަމޫނާ ދައްކައިފައެވެ. ހާއްސަ ގޮތެއްގައި ސިޔާސީ ދާއިރާގައި އޭނާގެ ލިޔުންތައް ފާހަގަކޮށްލެވެއެވެ. އެއް ކަމަކަށް މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކަވަރު ކުރުމުގައި މުހިންމު ރޯލެއް ޔާމީން ވަނީ އަދާކޮށްފައެވެ. ޔާމީނަކީ އެ އިންތިހާބުގައި އެންމެ ބުރަކޮށް މަސައްކަތް ކުރި އެއް ނޫސްވެރިޔާއެވެ.
މިދިޔަ އަހަރުގައި ރާއްޖޭގައި ހިނގި އެންމެ ބޮޑު ކަމަކީ ވެސް ރިޔާސީ އިންތިހާބުގެ ކަވަރޭޖެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި، ތިން ރިޔާސީ ކެންޑިޑޭޓުގެ ދަތުރުތަކުގައި ޔާމީން ބައިވެރިވިއެވެ. އެއީ މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް އާ އެކުގައެވެ.
ރައީސް ސޯލިހްގެ ރިޔާސީ ކެމްޕެއިން ފެށުމަށް އެމަނިކުފާނު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި "ވަގުތު" ތަމްސީލް ކުރީ ޔާމީނެވެ. ރިޔާސީ ކެމްޕެއިންގެ ފޯރިގަދަވި ހިސާބުން އޭރުގެ އިދިކޮޅު ކެންޑިޑޭޓު، ރައީސް މުއިއްޒުގެ ކެމްޕެއިން ދަތުރުތަކާ ގުޅި، އާންމުންނާ ހަމައަށް އެ ދަތުރުގެ މައުލޫމާތު ގެނެސް ދިނެވެ. ރައީސް މުއިއްޒާ އެކުގައި އެއް ދުވަހުގެ ތެރޭގައި 11 ރަށަށް ދިޔަ ނޫސްވެރިންގެ ޓީމުގައި ޔާމީން ހިމެނެއެވެ. ކެމްޕެއިންގެ ފަހުކޮޅު ގާސިމްއާ އެކުގައި ބައެއް ރަށް ރަށަށް ގޮސް، އެ ދަތުރުތައް ވެސް ކަވަރު ކުރިއެވެ. މާލެ އާއި ގިނަ ރަށް ރަށުގައި ހިންގި ކެމްޕެއިން އިވެންޓުތައް ފޫހި ކަމެއް ނެތި ދިޔައީ އާންމުންނާ ހަމައަށް ގެނެސްދެމުންނެވެ.
އެންމެ ފަހުން، ރިޔާސީ އިންތިހާބުގެ ކަވަރޭޖް ޔާމީން ނިންމާލީ ރާއްޖޭގެ 187 ރަށުގެ ތެރެއިން 100 އެއްހާ ރަށަށް ގޮސްއެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި އޭނާއަށް ނުދެވުނީ މަދު އަތޮޅަކަށެވެ. ރިޔާސީ އިންތިހާބުގެ ތެރޭގައި އެންމެ ބުރަކޮށް މަސައްކަތް ކުރި އެއް ނޫސްވެރިޔަކީ ވެސް ޔާމީނެވެ.
ކ. މާލެއަށް އުފަން ޔާމީނަކީ ރާއްޖެގައި ފާހަގަ ކޮށްލެވޭ ކުޅަދާނަ ނޫސްވެރިއެކެވެ. ޔާމީނަކީ މިއަދު ދިވެހި ބަހުން ހަބަރުތަކާއި ރިޕޯޓުތައް ލިޔުމުގައި ބަހުގެ ގަވާއިދަށާއި ހަމަތަކަށް އިސްކަންދީގެން އާންމުންގެ ޝައުގުވެރިކަން ދަމައިގަންނަ ފަދަ ގޮތަކަށް ލިޔާ ލިޔުންތެރިއެކެވެ. ޔާމީން ފާހަގަ ކުރާ ގޮތުގައި، ޒަމާނަށް އައި ބަދަލާ އެކުގައި ކިޔުންތެރިން މިހާރު ބޭނުން ވަނީ މޮޅު ލިޔުންތަކެކެވެ. އާދައިގެ "ކުދިކުދި" ހަބަރު ކިޔަން އެމީހުންގެ މާ ބޮޑު ޝައުގުވެރިކަމެއް ނުހުންނަ ކަމަށް އޭނާ ފާހަގަކުރިއެވެ.
"ގިނަ ފަހަރު ހަބަރު ތެރޭގައި އޮތް އެއްޗެއް ނުކިޔާ ހަމައެކަނި ސުރުހީ ބަލާލާނީ. ވަރަށް މުހިންމު އެމީހަކު ޝައުގުވެރިވާ ވާހަކައެއް ނަމަ، ބަލާލަފާނެ. ގިނަ ދިވެހިން މިހާރު ބޭނުން ވަނީ އޮއްޓަރު ހުރި، އެމީހުން ޝައުގުވެރިވާ ލިޔުންތަކެއް. އެމީހުން ޝައުގުވެރިވާ ގޮތަކަށް ގެނެސްދީފައި އޮވެއްޖެއްޔާ މުޅި ހަބަރު ނޫނީ ރިޕޯޓު ކިޔާފައި ހުއްޓާލާނީ. އެއީ ރާއްޖޭގައި ހިނގި ކަމެއް ވިޔަސް، ރާއްޖެއިން ބޭރުގައި ހިނގި ކަމެއް ވިޔަސް، ކަން އޮތީ ހަމަ އެގޮތަށް މިއަދު،" ޔާމީން ކިޔައި ދިނެވެ.
ހުރިހާ ދާއިރާތަކުން ވެސް ހަބަރާއި ރިޕޯޓް ލިޔަން ފަރިތަ ޔާމީން ވަނީ އޭނާ އެންމެ ލިޔާ ހިއްވާ ވަކި ހާއްސަ ދާއިރާއެއް ނެތް ނަމަވެސް ސިޔާސީ ދާއިރާގެ ހަބަރުތަކާއި ބޭރު ދުނިޔޭގެ ހަބަރުތަކަކީ ޔާމީނު ވަރަށް ލިޔާ ހިތުން ލިޔާ ހަބަރުތަކެއް ކަމަށް އޭނާ ފާހަގަކުރެއެވެ.
މިގޮތުން 2012 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިނގައި ދިޔަ ހުރިހާ ސިޔާސީ ހަރަކާތްތަކާއި ކޯޅުންތައް އެންމެ ކައިރިން ފެނި އެ ހަބަރުތައް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގައި ޔާމީންގެ ހިއްސާ ވަރަށް ވެސް ބޮޑެވެ. އޭނާގެ ބަސްމޮށުންތެރިކަމާއި އިބާރާތްކުރުމުގެ ބަލާގާތްތެރިކަމަކީ އަބަދުވެސް ފާހަކޮށްލެވޭ މޮޅު ދެ ސިފައެވެ.
"ރާއްޖޭގައި ހަރަކާތްތެރިވާ ނޫސްވެރިންގެ ތެރެއިން ސިޔާސީ ވަރުގަދަ އާޓިކަލްތަކެއް ގެނެސް ދެވޭނެ ފެންވަރު ހުރި ހަމައެކަނި ނޫސްވެރިޔަކަށް ހުރީ ޔާމީން. ޔާމީން ވަނީ މިހާތަނަށް އައިއިރު، ސިޔާސީ ވަރުގަދަ އާޓިކަލްތަކެއް ރައްޔިތުންނަށް ގެނެސްދީފައި. އެއީ ވަރަށް ވައިގައި ހިފި އާޓިކަލްތަކެއް،" ވިހި ވަނަ މަޖިލިހުގައި ހިމެނިވަޑައިގަންނަވާ ދިއްދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ވިދާޅުވިއެވެ.
"ޔާމީންއަކީ ވަރަށް މޮޅު ނޫސްވެރިއެއް. އަނެއްކާ ދައްކާ ވާހަކައެއް ވަރަށް ރަނގަޅަށް ނަގައިގަންނާނެ. ލިޔާ އާޓިކަލްތައް ވެސް ވަރަށް ފުރިހަމަ ކަމާއެކު ލިޔެފައި ހުންނާނީ. ނޫސްވެރިއެއްގެ ފަރާތުން ފެންނަން ޖެހޭ ޕްރޮފެޝަނަލްކަން ފެނިފައި ހުރީ. ރާއްޖޭގެ ތަޖުރިބާކާރު ނޫސްވެރިން ކަމަށްވާ މޫސާ ލަތީފާއި ހިރިގާ އަހުމަދު ޒާހިރު މެން ފަދަ ހަރު ނޫސްވެރިން ލިޔާ ސްޓައިލާ ގާތަށް ލިޔުންތައް ފެނިފައި ހުރީ،" ސޯލިހްގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި ބޭފުޅަކު ވިދާޅުވިއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުން ހޮވާ 2023 ވަނަ އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާގެ މަގާމަށް ނޮމިނޭޓްވި ފަސް ނޫސްވެރިންގެ ތެރެއިން އެކަކަކީ ޔާމީނެވެ. މިއީ އެ އެވޯޑަށް އޭނާ ނޮމިނޭޓްވި ދެވަނަ ފަހަރެވެ. މީގެކުރިން 2021 ވަނަ އަހަރުގެ މޮޅު ނޫސްވެރިޔާގެ އެވޯޑަށް ވެސް އޭނާ ނޮމިނޭޓުވިއެވެ. ޔާމީން ވަނީ 2017 ވަނަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާގެ އިނާމަށް ނޮމިނޭޓްވެފައެވެ. އަދި 2018 ވަނަ އަހަރުގެ ފީޗާ ރިޕޯޓު ލިއުމުގެ ދާއިރާ އިންނާއި ސިޔާސީ ދާއިރާ އިން އެވޯޑަށް ނޮމިނޭޓްވެފައިވެއެވެ.
ޔާމީންގެ މިފަހަރުގެ ހުވަފެނަކީ މޮޅު ނޫސްވެރިޔާގެ އެވޯޑު ހޯދުމެވެ. މީޑިއާ ކައުންސިލުން މިފަހަރު އެވޯޑު ދޭއިރު، %85 މާކްސް ދެނީ މިދިޔަ އަހަރުގެ ލިޔުންތަކަށް ބެލުމަށް ފަހުގައެވެ. އަދި އިންޓަވިއު އާއި ތައުލީމާއި ތަޖުރިބާ ފަދަ ކަންކަމަށް ބަލައެވެ. އަދި ބާކީ %15 އަކީ އާންމުންގެ އެސްއެމްއެސް ވޯޓަށް ހާއްސަކޮށްފައިވާ އަދަދެކެވެ. ޔާމީން އަށް އެސްއެމްއެސް ކުރުމަށް JY(space)MY ޖެއްސުމަށްފަހު 4244 އަށް ފޮނުވާލާށެވެ.