އޭވިއޭޝަން ދާއިރާ ތަރައްގީ ކުރުމަށް ރައީސް ހާއްސަ އިސްކަމެއް ދެއްވާ: އަމީން

އޭވިއޭޝަން ދާއިރާ ތަރައްގީ ކުރުމަށް ރައީސް ހާއްސަ އިސްކަމެއް ދެއްވާ: އަމީން

Author
ހުސައިން
17 އޮކްޓޯބަރ 2024 04:30
0

ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އޭވިއޭޝަން ދާއިރާ ތަރައްގީ ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެއެވެ.

ބިއޯންޑް އެއާލައިންގެ އެއް އަހަރު ފުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މިނިސްޓަރު އަމީން ވިދާޅުވީ ބިއޯންޑް ފަދަ އެއާލައިންތަކުގެ ހިދުމަތް ފުޅާކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އޭވިއޭޝަން ދާއިރާ ތަރައްގީކޮށް، ރާއްޖެ އޭވިއޭޝަން ހަބަކަށް ހެދުމުގައި ބިއޯންޑުން ބައިވެރިވެ، އޮޕަރޭޝަންތައް ފުޅާކުރުމަކީ އެމަނިކުފާނުގެ އުއްމީދެއްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެންމެ ޕްރިމިއަމް ޓޫރިޒަމް މަންޒިލުތަކުގެ ތެރެއިން އެއް މަންޒިލު ކަމަށާއި، ބިއޯންޑަކީ ރާއްޖޭގެ ބްރޭންޑާއި ގުޅޭ އެއާލައިނެއް ކަމަށެވެ. މިފަދަ ލަގްޒަރީ ޑެސްޓިނޭޝަނަކާ ގުޅޭ އެއާލައިނެއް އޮތުމަކީ ޓޫރިޒަމް އިތުރަށް ފުޅާކޮށް، އިތުރު ޓޫރިސްޓް މާކެޓެއް ހޯދުމަށް ލިބޭ ފުރުސަތެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުވެސް ވިދާޅުވީ ބިއޯންޑަކީ ރާއްޖެ ފަދަ ލަގްޒަރީ ޓޫރިސްޓް މަންޒިލަކަށް މުހިންމު އެއާލައިނެއްކަމަށެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން މަސައްކަތްކުރާއިރު، ލަގްޒަރީ އެއާލައިނެއްގެ ދައުރު މުހިންމުކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓު ގާނޫނުގެ ދަށުން ބިއޯންޑް ފަދަ ކުންފުނިތަކަށް ރައްކާތެރިކަން ކަށަވަރު ކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.

ބިއޯންޑަކީ ސިމްޑީ ގްރޫޕާއި ޔޫއޭއީގެ އަރަބެސްކް ކުންފުނި ގުޅިގެން ތައާރަފްކުރި ލަގްޒަރީ އެއާލައިނެކެވެ. މިދިޔަ އަހަރު އޮކްޓޯބަރުގައި ލޯންޗުކޮށް، ނޮވެމްބަރުގައި ހިދުމަތް ފެށި މި އެއާލައިނުގެ ދެވަނަ އެއާކްރާފްޓް މިއަދު ވަނީ ރާއްޖެ ގެނެސް އޮޕަރޭޝަނަށް ނެރެފައެވެ. މިވަގުތު މި އެއާލައިނުން ދަތުރުކުރަނީ 5 މަންޒިލަކަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.