ސަން ސިޔާމް ރިސޯޓްސްގެ ވެރިޔާ އަދި ދ. މީދޫ ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު އާއި ބ. ކަމަދޫގެ އާމިނަތު ޒާރާގެ ކައިވެނީގެ އުފާ ޒާރާގެ އުފަން ރަށުގައި ފާހަގަ ކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު މާލެ އަތޮޅުގެ އޮޅުވެލި ރިސޯޓުގައި ކައިވެނި ކުރުމަށްފަހު، އުމުރުން 55 އަހަރުގެ ސިޔާމާއި 23 އަހަރުގެ ޒާރާ ވަނީ ކަމަދޫގައި ދެވަނަ ހަފްލާއެއް ބާއްވާފައެވެ.

ކަމަދޫގެ ބީޗް ސަރަހައްދުގައި ބޭއްވުނު މި ހަފްލާއަށް ރަށުގެ ހުރިހާ ރައްޔިތުންނަށް ދަޢުވަތު ދެވުނެވެ. ސިޔާމާއި ޒާރާ ކަމަދޫއަށް ޒިޔާރަތްކުރުމުން ރަށުގެ ރައްޔިތުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. އަދި ހަފްލާ ބޭއްވުނު ސަރަހައްދު ވަނީ ޚާއްޞަ ގޮތެއްގައި ޒީނަތްތެރިކުރެވި، ބޮޑު ކޭކެއް ފެޅުމުގެ އިތުރުން ހަވާ އެރުވުމުގެ ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.
ހަފްލާގެ ކުރީ ދުވަހު ހަވީރު، ކުޑަކުދިންނަށް ޚާއްޞަކޮށްގެން ރޮބޯމޭންގެ ހަރަކާތްތަކެއްވެސް ވަނީ ބޭއްވިފައެވެ. މި ހަރަކާތްތަކާއި ހަފްލާތަކާއެކު ކަމަދޫގެ ރައްޔިތުންނަށް ވަނީ ޚާއްޞަ އުފަލެއް ލިބި، ސިޔާމާއި ޒާރާގެ ކައިވެނީގެ އުފާ މުޅި ރަށުގެ ރައްޔިތުންނާވަނީ ހިއްސާކޮށްފައެވެ.

މީގެ ކުރިން ސިޔާމްވަނީ ކަމަދޫގެ ހުރިހާ ރައްޔިތުންނަށް ބޭސްފަރުވާ ހިލޭ ކޮށްދޭނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ