ހުކުރު ދުވަހު އެންމެ ވައިގަދަވީ ދަރަވަންދޫއަށް، އެންމެ ބޯކޮށް ވޭރޭ ވެހުނީ ހުޅުލެއަށް

ހުކުރު ދުވަހު އެންމެ ވައިގަދަވީ ދަރަވަންދޫއަށް، އެންމެ ބޯކޮށް ވޭރޭ ވެހުނީ ހުޅުލެއަށް

ރާއްޖޭގެ އުތުރާއި ދެކުނުގެ ދުރު ހިސާބުތަކުގައި ދެ ކޮޅިގަޑެއް އުފެދި، ރާއްޖެއަށް މޫސުން ގޯސްވެފައިވާއިރު، ހުކުރު ދުވަހު އެންމެ ގަދައަށް ވައި ޖެހުނީ ދަރަވަންދޫގައި ކަމަށާއި، އެންމެ ގިނައިން ވާރޭވެހުނީ ހުޅުލޭގައި ކަމަށް ރިޕޯޓުކުރެވިއްޖެއެވެ.

މި މައުލޫމާތު ހިއްސާ ކޮށްފައިވަނީ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ހުކުރު ދުވަހުގެ މޫސުމާ ގުޅޭ ތަފާސްހިސާބު ހޮނިހިރު ދުވަހު އަންމުކޮށް ނެރުނު ބަޔާނެއްގައެވެ.

މޫސުމާބެހޭ އިދާރާއިން ހާމަކުރި ގޮތުގައި ހުކުރު ދުވަހު އެންމެ ގަދައަށް ވައި ޖެހުނީ ދަރަވަންދޫގައެވެ. އާންމުކޮށް ގަޑިއަކަށް 23 މޭލުގެ ވައި ޖެހޭ އެ ރަށުގައި ހުކުރު ދުވަހު ގަޑިއަކަށް 65 މޭލުގެ ބާރުމިނުގައި ވައި ޖެހުނެވެ.

ދެން އެންމެ ގަދަ ވައި ޖެހުނީ މާލޭގައި ގަޑިއަކަށް 56 މޭލުގެ ބާރުމިނުގައެވެ. އޭގެ ފަހުން ކ. ގާފަރުގައި ގަޑިއަކަށް 52 މޭލުގެ ބާރުމިނުގައި ވައި ޖެހުނެވެ.

އެންމެ ގިނައިން ވާރޭވެހުނީ ހުޅުލޭގައެވެ. ވާރޭވެހުނު މިންވަރުތައް ތިރީގައި މިވަނީއެވެ:

* ހުޅުލެ: 37.2 މިލިމީޓަރު
* އއ. ތޮއްޑޫ: 36.6 މިލިމީޓަރު
* ރ. އިފުރު: 34.5 މިލިމީޓަރު
* މާލެ: 31 މިލިމީޓަރު

މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ ހޯމަ ދުވަހާ ހަމައަށް ރާއްޖޭގެ މޫސުން ގޯސްކޮށް ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

މި މުއްދަތުގައި އެންމެން ވެސް ސަމާލުވުމަށް މޫސުމާބެހޭ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ. ޚާއްޞަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކަށް، ދަތުރު ރޭވުމުގެ ކުރިން އެންމެ ފަހުގެ މޫސުމާބެހޭ މަޢުލޫމާތު ބެލުމަށް އިރުޝާދު ދީފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *