މި ސަރުކާރު މިސްރާބު ޖަހާފައިހުރީ ޚުދުމުޚްތާރު ވެރިކަމަކާ ދިމާލަށް ކަމުގައި ކުރީގެ ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށީ ސިޓީގައި މިއަދު ކުރިއަށްދާ އެމްޑީޕީގެ "ލާމަރުކަޒީ ގުޅުން" ކައުންސިލަރުންގެ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ މިހާރުގެ ސަރުކާރަށް ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުކުރައްވާފައެވެ. ރައީސް ޞާލިޙް ވިދާޅުވީ މިވެރިކަން ހޯދުމަށް ހެދި ދޮގާއި ފިތުނައިގެ ސަބަބުން ގެއްލުންވެފައިވަނީ ރާއްޖެއަށް ކަމަށެވެ. އަދި މިކަމަށް މިސަރުކާރު ޒިންމާ ކުރުވަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޚުދުމުހުތާރު ވެރިކަމަކީ މިހާރު މިއޮތް ސަރުކާރު މިސްރާބު ޖަހާފައި އޮތް ދިމާ.
މިއަދުގެ ކޮންފަރެންސް ފެށުމުގެ ޙަފްލާގައި ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިޙް ފާހަގަކުރެއްވި ގޮތުގައި، މިހާރުގެ ސަރުކާރު ވެރިކަމަށް އައީ ދޮގުވެރި، މަކަރުވެރި، ހީލަތްތެރި ރޭވުންތަކުގެ ތެރެއިންނެވެ. އަދި ސަރުކާރުން ވެފައިވާ ވައުދުތަކަކީ އެއްވެސް ހިސާބެއް، ކިތާބެއް ބެލުމެއްނެތި، ހަގީގަތުގެ މައްޗަށް ނުބަލައި ވެފައިވާ ވައުދުތަކެއްކަން މިހާރު ހާމަވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭގެއިތުރުން، އިންޑިއާ އައުޓް ކެމްޕޭނުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށްވެސް ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.
ވެރިކަމަށް އައީ ދޮގުވެރި، މަކަރުވެރި، ހީލަތްތެރި ރޭވުންތަކުގެ ތެރެއިން. މިއަދު އެދަނީ އެކަން ސާފުވަމުން. އެބޭފުޅުން ވެރިކަމަށް އައުމަށް ވީ ވައުދުތަކަކީ އެއްވެސް ހިސާބެއް، ކިތާބެއް ބެލުމެއް ނެތި، ހަގީގަތުގެ މައްޗަށް ނުބަލާ ވީ ވައުދުތަކެއްކަން މިއަދު އެދަނީ ހާމަވަމުން.
ރައީސް ޞާލިޙް ވިދާޅުވިއެވެ.
މި ސަރުކާރަކީ ރައްޔިތުންގެ ޚިޔާލު ގަބޫލުކުރާ ބައެއް ނޫންކަމަށާއި، އަމިއްލަ ފައިދާއަށްޓަކައި ހިތުހުރި ގޮތަކަށް ހުރިހާ ކަމެއް ކުރަމުންދާ ޚުދުމުހުތާރު ބައެއްކަމަށް ރައީސް ޞާލިޙް ސިފަކުރެއްވިއެވެ. މި ކޮންފަރެންސްގައި ލާމަރުކަޒީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކައުންސިލްތަކުގެ މާލީ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރާނެ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.
މިއީ މިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުގައި ލިބުނު ނާކާމިޔާބަށްފަހު، އެމްޑީޕީން ބާއްވާ ފުރަތަމަ ބޮޑު ހަރަކާތެވެ. އުތުރުގެ ތިން އަތޮޅުގައި ތިބި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި ޑަބްލިޔުޑީސީގެ މެންބަރުން ހިމެނޭގޮތަށް 80 ފަރާތަކުން މި ކޮންފަރެންސްގައި ބައިވެރިވެއެވެ.