އިދިކޮޅު އެމްޑީޕީގެ ކައުންސިލަރުންނާއި ޕާޓީގެ ލީޑަރޝިޕް ބައިވެރިވާ ކޮންފަރެންސެއް މިއަދު ހދ. ކުޅުދުއްފުށީ ސިޓީގައި ފެށިއްޖެއެވެ.
މި ކޮންފަރެންސްގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އެ ޕާޓީގެ އެޑްވައިޒަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ޗެއާޕާސަން ފައްޔާޒު އިސްމާއީލް އަދި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވައެވެ. މި މަންޒަރުތައް ހިމެނޭ ފޮޓޯތަކެއް އެމްޑީޕީން ވަނީ 'އެކްސް' މެދުވެރިކޮށް ހިއްސާކޮށްފައެވެ.
އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވެފައިވާ ގޮތުގައި މިއީ އެ ޕާޓީގެ ކައުންސިލަރުންގެ ހަރަކާތްތައް ވަރުގަދަ ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި ބައިވެރިވަނީ ހއ.، ހދ.، އަދި ށ. އަތޮޅުގެ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނެވެ. ކޮންފަރެންސް ކުރިއަށްދާނީ މިއަދު ހެނދުނު 9 އިން ހަވީރު 4 އަށެވެ. ހެނދުނު 11 އިން ފެށިގެން ހުރި ސެޝަންތައް އެމްޑީޕީގެ ސޯޝަލް މީޑިއާ ހޭންޑަލްތަކުން ލައިވްކޮށް ދައްކަމުންދާނެއެވެ.
ކޮންފަރެންސްގައި އެމްޑީޕީގެ "ރޯޑު މެޕް" އާއި ލާމަރުކަޒީ ނިޒާމަށް މިހާރުގެ ސަރުކާރުން ގެންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވޭނެއެވެ.
އެމްޑީޕީގެ ސަރުކާރުގައި ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލުތަކާއި، ޕީއެންސީގެ ސަރުކާރުން ގެންނަން އުޅޭ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.
އސަރުކާރުން މަޖިލީހަށް ފޮނުވާފައިވާ އާބަން ޑިވެލޮޕްމަންޓް ބިލާ ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް ބައެއް ކައުންސިލަރުންނާއި އެމްޑީޕީން ކުރިން ފާޅުކޮށްފައިވާއިރު، މި ކޮންފަރެންސްގައި އެ މައްސަލަތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެ ކަމަށް ބެލެވެއެވެ.