މާލޭގައި ސައިކަލެއްގެ މަޑިދަށުން 442،750 ރުފިޔާ ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ބަންގްލަދޭޝް މީހާ ޖަހަންގިރް އާލަމް، އޭނާ އެ ތަނުން ނެގީ ވިއްސާރަ ކޯޓަކާއި ދޮންކޭލާއި ކަދުރު ކަމަށް ކޯޓުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ޖަހަންގިރް ހައްޔަރުކޮށްފައިވާއިރު، އޭނާ އެންމެ ފަހުން ކޯޓުގައި ބުނެފައިވަނީ އޭނާ ފްރޭމްކޮށްފައިވާ ކަމަށެވެ. މިހާރު އޭނާ ހުރީ ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކޮށްފައެވެ.
ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ފުލުހުން ވަނީ އޭނާ އެ ކުށްކުރިކަމަށް ތުހުމަތުކުރެވޭ ސީސީޓީވީ ވީޑިއޯއާއި ފައިސާގެ ވެރިފަރާތުގެ ބަޔާން ހުށަހަޅާފައެވެ. ވީޑިއޯއިން އޭނާ ސައިކަލެއްގެ މަޑިދަށް ހިއްލައިގެން އެއްޗެއް ނަގާތަން ފެންނަ ކަމަށް ބުނެފައިވާއިރު، ޖަހަންގިރްގެ ވަކީލު ކޯޓުގައި ބުނެފައިވަނީ ސައިކަލު މަޑިދަށުން ނެގީ ވިއްސާރަ ކޯޓެއް ކަމަށާއި، ޖަހަންގިރްގެ ދެވަނަ އަނބިމީހާގެ ގެއަށް ވައްދާތަން ފެންނަ ކޮތަޅަކީ ދޮންކޭލާއި ކަދުރު ހުރި ކޮތަޅެއް ކަމަށެވެ.
ކޯޓު އަމުރުގައި ބަޔާންކޮށްފައިވަނީ ހުށަހެޅި ވީޑިއޯއިން ވިއްސާރަ ކޯޓެއްގެ އިތުރުން އެހެން އެއްޗެހި ނަގާތަން ފެންނަ ކަމަށާއި، ޖަހަންގިރްގެ އަމަލުތަކުން އިތުރު އެއްޗެއް އޮތްކަން އެނގޭކަމަށެވެ. ތަޙުޤީޤު ފުރިހަމަ ނުވާތީ ކޯޓުން ވަނީ ޖަހަންގިރްގެ ބަންދަށް އިތުރު ފަސް ދުވަސް އިތުރުކޮށްދީފައެވެ.