މާލޭގެ ފިހާރައެއްގެ ކައުންޓަރު މަތީގައި އޮތް ފޯނެއް ވަގަށް ނެގި މީހަކު ނުވަ މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޖަލު ހުކުމެއް އިއްވީ ގ. ކަނދުމާގެއާގޭ ސަމާހް އަލީގެ މައްޗަށެވެ.
ސަމާހް އާ ދެކޮޅަށް ކުރި ދައުވާގައި ބުނީ އަމީނީމަގުގައި ހުންނަ ރެހެންދި ފްލެޓު ކައިރިން ޕެޓްރޯލް ކުރަން އުޅުނު ފުލުހުން، އޭނާއަށް ފެނުމުން ބިރުން މަސައްކަތް ކުރުމުން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންދިޔަ ކަމަށެވެ. އަދި އޭނާ ބަލައިފާސްކުރިއިރު، ސެމްސަންގް ބްރޭންޑުގެ އެސް10 ފޯނެއް އޭނާގެ އަތުން ފެނިފައިވާ ކަމަށް ދައުވާގައިވެއެވެ.
ސަމާހް ވަގަށް ނެގީ ގާކޮށި މާޓް ނަމަކަށް ކިޔާ ފިހާރައިގެ ކައުންޓަރުގައި އޮތް ފޯނެކެވެ.
ސަމާހް ބަލައިފާސްކުރުމުގެ ތެރެއިން އޭނާގެ އަތުން އެސް10 އާއި އަދި އިތުރު ފޯނެއް ވެސް ވަނީ ފެނިފައެވެ.
މި މައްސަލައިގައި ސަމާހްގެ މައްޗަށް ކޮށްފައިވަނީ މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާ އަށް ސަމާހް އިންކާރުކޮށްފައިވެއެވެ. އެކަމަކު، އެކަން ނުކުރާ ކަމުގެ އެއްވެސް ހެއްކެއް ނުދައްކައެވެ.
ސަމާހްގެ މައްޗަށް ކުރި ދައުވާ، ޝައްކެއް ނެތް މިންވަރަށް ސާބިތުވެފައިވާ ކަމަށް ކަނޑައަޅައި، ކޯޓުން އޭނާގެ މައްޗަށް ހުކުމް ކުރީ ނުވަ މަހާއި 2 ދުވަހަށް ޖަލަށްލުމަށެވެ.
ކޮމެންޓު ފޮނުވާ