އިންޑިއާގެ ވިޔަފާރީގެ މައި ރަށް މުމްބާއީއަށް ރައީސް ވަޑައިގެންފި

އިންޑިއާގެ ވިޔަފާރީގެ މައި ރަށް މުމްބާއީއަށް ރައީސް ވަޑައިގެންފި

Author
އަލީ ރައޫފް
08 އޮކްޓޯބަރ 2024 02:50
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަދި އަނބިކަނބަލުން އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތިންވަނަ ދުވަހު، އިންޑިއާގެ ވިޔަފާރީގެ މައި ރަށް މުމްބާއީއަށް ވަޑައިގެންފިއެވެ.

ނިއުދިއްލީ އަދި އަގަރާއަށް ވަޑައިގަތުމަށްފަހު، މުމްބާއީގެ ޗަތުރަޕަތީ ޝިވާޖީ މަހަރާޖު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ރައީސްގެ ދެކަނބަލުންނަށް ހޫނު މަރުހަބާއެއް ދެންނެވުނެވެ.

މުމްބާއީގައި ބޭއްވޭ ޚާއްޞަ ވިޔަފާރީގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ވަޑައިގެންނެވިއެވެ. މި ހަރަކާތުގައި މުމްބާއީގެ ބޮޑެތި ވިޔަފާރިތަކާއި އިންވެސްޓްމަންޓް ކުންފުނިތަކުގެ އިތުރުން އިންޑިއާގެ ސެލެބްރިޓީންވެސް ބައިވެރިވާނެއެވެ. ރައީސް މި ހަރަކާތުގައި ވާހަކަފުޅު ދައްކަވާނެއެވެ.

އިއްޔެ ނިއުދިއްލީގައި ބޭއްވުނު އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި، ރައީސް ވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް ތަފްސީލްކޮށްދެއްވާފައެވެ. ޚާއްޞަކޮށް ޑިޖިޓަލް އިކޮނޮމީ، މާލީ ދާއިރާ އަދި އިއާދަކުރަނިވި ހަކަތައިގެ ދާއިރާގެ ފުރުޞަތުތައް ފާހަގަކުރެއްވިއެވެ. ރާއްޖެއަކީ އިންވެސްޓްމަންޓްތަކަށް ރައްކާތެރި އަދި ފަހި ތަނެއްކަމަށާއި، އިންޑިއާއަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މުހިންމު ބައިވެރިއެއްކަމުގައި ރައީސް ވިދާޅުވިއެވެ.

މުމްބާއީގެ ހަރަކާތުގައި ރައީސްގެ އިތުރުން ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހީމް ފައިސަލް އަދި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީންވެސް ވާހަކަފުޅު ދައްކަވާނެއެވެ. މިއަދު ރައީސް މަހަރާސްޓްރާގެ ގަވަރުނަރާވެސް ބައްދަލުކުރައްވާނެއެވެ.

މާދަމާ ރައީސް ބެގަލޫރަށް ވަޑައިގަންނަވައި، އެތާނގައި ބޭއްވޭ ރާއްޖޭގެ ޚާއްޞަ ވިޔަފާރީގެ ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ދިވެހިންނާވެސް ބައްދަލުކުރައްވާނެއެވެ. މި ދަތުރުފުޅުގައި ދިވެހިންނަށާއި ދިވެހި ވިޔަފާރިތަކަށް ޚާއްޞަ ފުރުޞަތުތަކެއް ފަހިވަމުންދެއެވެ. އިންޑިއާގެ ރުޕޭ ރާއްޖޭގައި ބޭނުންކުރެވޭނެ މަގު ފަހިވެ، ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައިވެސް ސޮއިކުރެވިފައިވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގައި އޮތް ޑޮލަރުގެ ދަތިކަމަށް ބޮޑު ޙައްލެއް އަންނާނެކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.