އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުލަތުން ކުރާ ދަޢުވާގައި އޭނާއާއި ދެކޮޅަށް ހުށަހަޅާ ހެކިތައް ސިއްރުކޮށްދޭން ދައުލަތުން އެދިއްޖެއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި، ދައުލަތުން ވަނީ ބައެއް މުހިންމު ހެކިތައް ސިއްރުކުރުމަށް އެދިފައެވެ. މީގެ ތެރޭގައި އެފްއޭއެމްގެ ބޭންކް ސްޓޭޓްމަންޓާއި، ބައްސާމްގެ އެކައުންޓަށް ފައިސާ ޖަމާކުރި އެހެން ފަރާތްތަކުގެ އެކައުންޓް ސްޓޭޓްމަންޓްތައް ހިމެނެއެވެ.
ބައްސާމްގެ މައްޗަށް މި ދަޢުވާ އުފުލިފައިވަނީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ދިން ފައިސާގެ ތެރެއިން 9,999 ޑޮލަރު (154,000 ރުފިޔާ) އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އަމިއްލަ ބޭނުމަށް ހޭދަކުރި ކަމަށް ތުހުމަތު ކުރެވޭތީއެވެ. މިކަމާ ގުޅިގެން ހިޔާނާތާއި މަނީ ލޯންޑްރިންގގެ ދަޢުވާ ވަނީ އުފުލިފައެވެ.
ދައުލަތުން ހެކިތައް ސިއްރުކުރަން އެދުނު ނަމަވެސް، ބައްސާމާއި އޭނާގެ ދިފާއީ ވަކީލުންނަށް ކޯޓުގައި ތިބެގެން އެ ލިޔެކިޔުންތައް ބެލުމުގެ ފުރުސަތު ދިނުމަށް އިއުތިރާޒެއް ނުކުރާ ކަމަށް ދައުލަތުން ބުނެފައިވެއެވެ. އެހެންނަމަވެސް، ބައްސާމްގެ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވެފައިވަނީ ހެކި ސިއްރުކުރުމަށް ދައުލަތުން އެދުނު ކަން ކުރިން އެނގިފައި ނެތް ކަމަށާއި، އެކަމާ ގުޅޭ ލިޔެކިޔުންތައް ހިއްސާކުރުމަށް އެދޭ ކަމަށެވެ.
މި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވެފައިވަނީ ހެކި ސިއްރުކުރުމަށް އެދޭ ލިޔުމުގެ ކޮޕީއެއް ކޯޓުން ދޫކުރާނެ ކަމަށެވެ. އަދި ދައުލަތުން ކުރިން ހުށަހަޅާފައިވާ ބައެއް ލިޔުންތަކުގެ ކޮޕީ ސާފުނުވާތީ، އެ ލިޔުންތައް ހޯދުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެދުމަށް މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދެއްވާފައިވެއެވެ.
މި މައްސަލައިގެ އިތުރު އަޑުއެހުމެއް މި މަހުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އޭގައި ދަޢުވާއަށް ޖަވާބުދާރީވުން އޮންނާނެ ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އެޕާޓްމަންޓެއް ގަތް ކަމަށް ބުނެ އިތުރު ދަޢުވާއެއް ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ.
މި މައްސަލައާ ގުޅިގެން ބައްސާމްގެ އެޕާޓްމަންޓް އަތުލުމަށް ކޯޓުން އަމުރެއް ނެރެ، މިރޭގެ ނިޔަލަށް އެތަން ހުސްކޮށް ފުލުހުންނާ ހަވާލުކުރުމަށް އަންގާފައިވެއެވެ.