އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަމަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ރާއްޖެއިން ނުކުރާނެ: ރައީސް

އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަމަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ރާއްޖެއިން ނުކުރާނެ: ރައީސް

Author
އަލީ ރައޫފް
07 އޮކްޓޯބަރ 2024 11:24
0

ދިވެހި ސަރުކާރުން އިންޑިއާގެ ސަލާމަތާއި ރައްކާތެރިކަމަށް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވެފައިވަނީ އިންޑިއާގެ ރައީސް ދުރުޕަދީ މުރުމޫގެ ދަޢުވަތަކަށް އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއްގައި "ޓައިމްސް އޮފް އިންޑިއާ" ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތީ ޒަމާނުއްސުރެ ދެމިއޮތް ރަޙުމަތްތެރިކަމާއި އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ގާތް ގުޅުމެކެވެ. އަދި ޗައިނާއާއެކު ގާތް ގުޅުމެއް އޮތް ކަމުގެ ތުހުމަތުތައް ކުރެވުނު ނަމަވެސް، ސަރުކާރުގެ އެންމެ އިސް އަމާޒަކީ މި ސަރަޙައްދުގެ ސަލާމަތާއި ހަމަޖެހުން ޤާއިމުކުރުން ކަމަށް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ގެންގުޅޭނީ "މޯލްޑިވްސް ފަސްޓް ޕޮލިސީ" އެއް ކަމަށެވެ. މި ސިޔާސަތުގެ ދަށުން އިންޑިއާއާއެކު އޮތް ޒަމާންވީ އަދި ވަރުގަދަ ގުޅުމަށް އިސްކަންދެމުން ގެންދާނެ ކަމަށާއި، އެހެން ޤައުމުތަކާއެކު ބާއްވާ ގުޅުންތަކުން އިންޑިއާގެ ސަލާމަތީ މަޞްލަޙަތަށް އުނިކަމެއް ނާންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސް މުޢިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖެއާއި އިންޑިއާއިން ވެސް އެއް ޤައުމުން އަނެއް ޤައުމަށް ހިއްސާކުރާ ކަންބޮޑުވުންތަކާއި އިސްކަންދޭ ކަންކަން ރަނގަޅަށް އެނގި ދަސްވެފައިވެއެވެ. އެހެންކަމުން މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގުޅުން އައު ހަރުފަތަކަށް ގެންދެވޭނެ ކަމުގެ އުންމީދު ފާޅުކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.