ޑަބް‎ލިޔު.އެޗް.އޯ ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 77 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން ފަށައިފި

ޑަބް‎ލިޔު.އެޗް.އޯ ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 77 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން ފަށައިފި

Author
ހުސައިން
07 އޮކްޓޯބަރ 2024 08:28
0

ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 77 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން އިންޑިޔާގެ ވެރިރަށް ނިއުދިއްލީގައި މިއަދު ފެށިއްޖެއެވެ.

މިމަހުގެ 07 އިން 09 އަށް ކުރިއަށްދާ މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަލްފާޟިލާ ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲއެވެ.​ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުމަކީ މިސަރަޙައްދުގެ 11 ޤައުމުގެ ޞިއްޙަތާ ބެހޭ ވަޒީރުންނާއި ޞިއްޙީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ހިމެނޭގޮތަށް، މި ސަރަޙައްދުގެ ރައްޔިތުންގެ ޞިއްޙަތާގުޅޭ މުހިންމު ކަންކަންކަނޑައަޅައި، މި ސަރަޙައްދުގެ ޞިއްޙަތާގުޅޭ ކަންކަން ކުރިއެރުމަށް މަޝްވަރާކޮށް،ނިންމުންތައް ނިންމާ އެންމެ މުހިންމު 'ގަވަރނަންސް' ބައްދަލުވުމެވެ.

​މިއަހަރުގެ ރީޖަނަލް ކޮމެޓީގައި، މި ސަރަޙައްދުގެ ޤައުމުތަކުގެ ފުރާވަރު އުމުރުގެ ކުދިންނަށް ދެވޭ ޞިއްޙީ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ސަރަޙައްދުގެ ޞިއްޙީ ދާއިރާގެ އިސްވެރިންގެ ޚާއްސަ "ރައުންޑް ޓޭބަލް" ބައްދަލުވުމެއް 08 އޮކްޓޫބަރު 2024 ގައި ކުރިއަށްދާނެއެވެ. އަދި މިކަމަށް ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމަށްޓަކައި "މިނިސްޓަރިއަލް ޑެކްލަރޭޝަން އޮން އެޑޮލޮސެންޓް –ރެސްޕޮންސިވް ހެލްތު ސިސްޓަމް" ގެ ނަމުގައި ގަރާރެއް ފާސްކުރެވޭނެއެވެ.​މިއާއެކު މިސަރަޙައްދަށް ޙާއްސަ ޞިއްޙީ މައްސަލަތަކާއި ގުޅޭގޮތުން މިބައްދަލުވުމުގައި ޤައުމުތަކުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި ސަރަހައްދުގެ ހެލްތު އެމަރޖެންސީ ފަންޑު ފުޅާކުރުމަށް ޤައުމުތަކުގެ މެދުގައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުންނާއި، 2024-2025 އަށް ކަނޑައަޅާ ޕްރޮގްރާމް ބަޖެޓާއި، ސަސްޓެއިނަބްލް ފިނޭންސިން އަދި 14 ވަނަ "ޖެނެރަލް ޕްރޮގްރާމް އޮފް ވަރކް (ޖީ.ޕީ.ޑަބްލިޔު 14) އާ ގުޅޭ މަޝްވަރާތައް ކުރެވިގެންދާނެއެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ކުރިޔަށް ރޭވިފައިވާ ވޯލްޑް ހެލްތު އެސެމްބްލީއާއި ޕްރޮގްރާމް ބަޖެޓް އަދި އެޑްމިނިސްޓްރޭޓިވް ކޮމިޓީއާއި އެގްޒެކެޓިވް ބޯޑް ބައްދަލުވުމާގުޅޭ ކަންކަމާމެދުވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވި މިސަރަހައްދުގެ ޤައުމުތަކުން މިބައްދަލުވުންތަކުގައި ހުށަހަޅާނެ ދާއިރާތައް ކަނޑައަޅޭނެއެވެ. ​މިއަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ދިވެހިރާއްޖޭގެ ޞިއްޙީދާއިރާ ކުރިއެރުވުމަށް ދޭދޭ ޤައުމުތަކާއެކު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

 މިބައްދަލުވުންތަކުގައި ޞިއްޙީދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.