ޔޫނިއަންތައް ރަޖިސްޓްރީކުރުމަށް ނަގާ ފީތައް ފާހަގަކޮށްލެވޭ މިންވަރަކަށް ސަރުކާރުން ކުޑަކޮށްފިއެވެ. މި ބަދަލު ގެނެވިފައިވަނީ 'ޔޫނިއަންތައް ރަޖިސްޓްރީކޮށް ހިންގުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގަވައިދު' އަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ގެނައި އިސްލާހަކާ ގުޅިގެންނެވެ. މި އިސްލާހު އިއްޔެ ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެވުނެވެ.
މި ބަދަލުގެ ކުރިން، 19 ވަނަ މަޖިލީހުން ފާސްކުރި އިންޑަސްޓްރިއަލް ރިލޭޝަންސް ގާނޫނުގެ ދަށުން ޔޫނިއަން އުފެއްދުމުގެ ހުއްދަ ދެވުނު ނަމަވެސް، ޖުލައި މަހު އެކުލަވާލެވުނު ފުރަތަމަ ގަވާއިދުގެ ދަށުން ޔޫނިއަން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި ނަގަން އޮތީ 5,000 ރުފިޔާއެވެ. މިއީ ބޮޑު އަދަދެއްކަމަށް ބުނެ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރިއެވެ.
އައު އިސްލާހުގެ ދަށުން، މަސައްކަތްތެރިންގެ ވޯކްޕްލޭސް ޔޫނިއަންތަކަށް މިހާރު ނަގާނީ 500 ރުފިޔާ އެވެ. އަދި މަސައްކަތްތެރިންގެ އިންޑަސްޓްރީ ޔޫނިއަންތަކަށް 1,000 ރުފިޔާ އެވެ. ވަޒީފާދޭ ފަރާތްތަކުގެ ޔޫނިއަންތަކަށް ނަގާނީ 1,500 ރުފިޔާ އެވެ. ދެ ޔޫނިއަން ނުވަތަ އެއަށްވުރެ ގިނަ ޔޫނިއަން އެއްކޮށްލުމަށް ދައްކަންޖެހޭނީ 1,000 ރުފިޔާ އެވެ.
މީގެ އިތުރުން، މަސައްކަތްތެރިންގެ ފެޑެރޭޝަނަކަށާއި ވަޒީފާދޭ ފަރާތްތަކުގެ ފެޑެރޭޝަނަކަށް ދައްކަންޖެހޭ އަދަދު 10,000 ރުފިޔާއިން 2,500 ރުފިޔާއަށް ވަނީ ކުޑަކޮށްފައެވެ. ނޭޝަނަލް ޔޫނިއަން ސެންޓަރުތަކަށާއި ނޭޝަނަލް އެމްޕްލޯޔަރސް ޔޫނިއަންތަކަށް ކުރިން ދައްކަންޖެހުނު 15,000 ރުފިޔާ މިހާރު ވަނީ 5,000 ރުފިޔާއަށް ކުޑަކޮށްފައެވެ.
މި ބަދަލުތަކާއެކު، ޔޫނިއަން ރަޖިސްޓްރީކުރުމަށް ހުރި މާލީ ހުރަސްތައް ކުޑަވެ، އިތުރު ފަރާތްތަކަށް ޔޫނިއަންތައް އުފެއްދުމުގެ ފުރުސަތު ފަހިވެގެންދާނެކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ