ސޫދާނުގެ ވެރިރަށް ޚަރްޠޫމްގައި ހުންނަ ޔޫއޭއީގެ ސަފީރުގެ ގެކޮޅަށް ދެވުނު ނުރައްކާތެރި ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
މި ހަމަލާއާ ގުޅިގެން ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވަނީ، ޑިޕްލޮމެޓިކް ވަސީލަތްތަކަށް މިފަދަ ހަމަލާތައް ދިނުމަކީ ވިއެނާ މުއާހަދާއާއި ޑިޕްލޮމެޓިކް އިމިއުނިޓީއާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ސީދާ ޚިލާފު ޢަމަލެއްކަމުގައެވެ.
މީގެއިތުރުން، ދިވެހި ސަރުކާރުން ވަނީ ބައިނަލްއަޤްވާމީ މުއާހަދާތަކާއި އާދަކާދަތަކާ އެއްގޮތްވާ ގޮތުގެ މަތިން ޑިޕްލޮމެޓިކް މިޝަންތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާފައެވެ. އަދި މި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުން ތިބީ ޔޫއޭއީގެ ސަރުކާރާއި ރައްޔިތުންނާއެކު ކަމަށްވެސް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.
ޚަބަރުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ހަމަލާ ދެވުނީ ސޫދާނުގެ އަސްކަރީ މަތިންދާބޯޓަކުން ކަމަށް ބުނެވުނު ނަމަވެސް، ސޫދާނުގެ ޚާރިޖީ ވުޒާރާއިން ވަނީ މިއީ އެ ޤައުމުގެ އަސްކަރިއްޔާއިން ދިން ހަމަލާއެއް ނޫންކަމަށް ބުނެފައެވެ. އޭގެ ބަދަލުގައި، މި ހަމަލާ ދިނީ ސޫދާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) އިން ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.