ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް ބަދަލުތަކެއް ގެންނަވައިފިއެވެ. ވަޒީރުންގެ މަޖިލީހަށް ޢައްޔަންކުރެއްވި ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމަށް ބޭއްވެވި ރަސްމިއްޔާތު އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް ޑޮކްޓަރ ޢަބްދުﷲ ޚަލީލް، މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށް މޫސާ ޒަމީރު އަދި މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ޢަބުދުﷲ ނާޡިމް އިބްރާހީމް ވަނީ ޢައްޔަންކުރައްވާފައެވެ.
ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް ޑޮކްޓަރ މުޙައްމަދު އިބްރާހީމެވެ. ހުވައި ކުރެއްވުމަށްފަހު، އެބޭފުޅުން ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.
މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް ޢައްޔަންކުރެއްވި ޑޮކްޓަރ ޢަބްދުﷲ ޚަލީލް މީގެ ކުރިން ހުންނެވީ މިނިސްޓަރ އޮފް ހެލްތްގެ މަޤާމުގައެވެ. މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމަށް ޢައްޔަންކުރެއްވި މޫސާ ޒަމީރު ކުރިން ހުންނެވީ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމުގައެވެ. މިނިސްޓަރ އޮފް ހެލްތްގެ މަޤާމަށް ޢައްޔަންކުރެއްވި ޢަބުދުﷲ ނާޡިމް އިބްރާހީމް މީގެ ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަޤާމުގައެވެ.
މިނިސްޓަރ އޮފް ފިނޭންސްގެ މަޤާމުގައި ހުންނެވި ޑޮކްޓަރ މުޙައްމަދު ޝަފީޤް މިއަދު ވަނީ އެމަޤާމުން އިސްތިއުފާ ދެއްވާފައެވެ.