އިސްރާއީލުގެ ހަމަލާތަކުގައި 24 ގަޑިއިރުތެރޭ 400 އަށްވުރެ ގިނަ މީހުން ލުބުނާނުގައި ޝަހީދު ކޮށްލައިފި

އިސްރާއީލުގެ ހަމަލާތަކުގައި 24 ގަޑިއިރުތެރޭ 400 އަށްވުރެ ގިނަ މީހުން ލުބުނާނުގައި ޝަހީދު ކޮށްލައިފި

Author
ހުސައިން
24 ސެޕްޓެމްބަރ 2024 07:10
0

އިސްރާއީލުން ލެބަނަންގައި ހިޒްބުއްލާ އަމާޒުކޮށް ދިން ގަދަފަދަ ވައިގެ ޙަމަލާތަކުގައި މަދުވެގެން 492 މީހުން ޝަހީދުވެއްޖެ ކަމަށް އެ ޤައުމުގެ ޞިއްޙަތު ވުޒާރާއިން ބުނެފިއެވެ. އެއީ ގާތްގަނޑަކަށް 20 އަހަރުގެ ތެރޭގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ.

2006 ގެ ހަނގުރާމައިން ފެށިގެން ހިޒްބުއްލާއިން ޤާއިމުކޮށްފައިވާ އިންފްރާސްޓްރަކްޗަރ ނައްތާލުމަށް ކުރި އޮޕަރޭޝަނެއްގައި 1,300 އަމާޒަކަށް ޙަމަލާ ދިންކަމަށް އިސްރާއީލުގެ ސިފައިން ބުނެފައިވާއިރު، އެތަކެއް ހާސް ޢާއިލާތައް ގެދޮރު ދޫކޮށް ދަނީ އެހެން ސަރަހައްދުތަކަށް ދަމުންނެވެ.

ހިޒްބުއްލާއިން އުތުރު އިސްރާއީލަށް 200 އަށްވުރެ ގިނަ ރޮކެޓް ދޫކޮށްލިކަމަށް އެގައުމުގެ ސިފައިން ބުނެފައިވެއެވެ. މިހަމަލާތަކުގައި ދެ މީހަކަށް އަނިޔާވިކަމަށް މެޑިކަލް އޮފިޝަލުން ބުނެފައިވެއެވެ.

ދެ ފަރާތުންވެސް ފުރިހަމަ ހަނގުރާމައަކާ ދިމާއަށް ދާކަމަށް ފެންނާތީ، މަޑުމައިތިރިވުމަށް ދުނިޔޭގެ ބާރުތަކުން ގޮވާލަމުން ދެއެވެ. ލެބަނަންގެ ޞިއްޙަތު ވުޒާރާއިން ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި 35 ކުދިންނާއި 58 އަންހެނުން ހިމެނެއެވެ. އަދި 1,645 މީހުންނަށް އަނިޔާވެފައިވެއެވެ.

މަރުވި އަދި އަނިޔާވި މީހުންގެ ތެރެއިން ކިތައް މީހުންނަކީ އާންމު ރައްޔިތުންކަމެއް ނުވަތަ ކިތައް މީހުންނަކީ ހަނގުރާމަވެރިންކަމެއް އެ ވުޒާރާއިން ހާމަކޮށްފައެއް ނުވެއެވެ.

ޞިއްޙަތު ވަޒީރު ފިރާސް އަބިއާދު ވިދާޅުވި ގޮތުގައި އެތައް ހާސްތަކެއް ޢާއިލާތައް ވަނީ ޙަމަލާތަކާ ގުޅިގެން ގެދޮރު ދޫކޮށް ގޮސްފައެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އަންޓޯނިއޯ ގުޓެރެސް ވިދާޅުވީ މި ހާލަތު ގޯސްވަމުންދާތީ ކަންބޮޑުވާ ކަމަށާއި، ލެބަނަން "އަނެއް ޣައްޒާއަކަށް ވާކަށް" ނޭދޭ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަންގެ ބޭރު ގުޅުންތަކުގެ އިސްވެރިޔާ ޖޮސެޕް ބޮރެލް ވިދާޅުވީ "މި އެސްކަލޭޝަނަކީ ވަރަށް ނުރައްކާތެރި އަދި ކަންބޮޑުވާންޖެހޭ" ކަމެއް ކަމަށެވެ. މިހެން ވިދާޅުވީ ނިއު ޔޯކުގައި އދ. ގެ ބައްދަލުވުމެއްގައި ދުނިޔޭގެ ލީޑަރުން ބައިވެރިވުމުގެ ކުރިންނެވެ. އަދި އިތުރަށް ވިދާޅުވީ "އަޅުގަނޑުމެން މިހާރު މިތިބީ ހަމަ ފުރިހަމަ ހަނގުރާމައެއްގެ ތެރޭގައި ހެން" ހީވާ ކަމަށެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ "މީހުންނަށް ރައްކާތެރިކަމާއެކު ގެއަށް އެނބުރި ދެވޭނެ ގޮތަކަށް ހާލަތު ހަމަޖެއްދުމަށް" އެމެރިކާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ޕެންޓަގަނުން ބުނީ "ރައްކާތެރިކަމަށް ފަރުވާތެރިވުމުގެ ގޮތުން" މެދު އިރުމައްޗަށް އިތުރު މަދު ޢަދަދެއްގެ ސިފައިން ފޮނުވަމުންދާ ކަމަށެވެ.

ޣައްޒާގެ ހަނގުރާމައާ ގުޅިގެން ގާތްގަނޑަކަށް އަހަރެއްގެ މުއްދަތަށް އިސްރާއީލާއި ހިޒްބުއްލާއާ ދެމެދު ހިނގަމުންދާ ބޯޑަރު ހަނގުރާމައިގައި ސަތޭކައަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. އޭގެ ތެރެއިން ގިނައީ ހިޒްބުއްލާގެ ހަނގުރާމަވެރިންނެވެ. އަދި ދެފަރާތުގެ ސަރަޙައްދުތަކުން އެތައް ހާސް މީހުން ވަނީ ފިލާފައެވެ.

ހިޒްބުއްލާއިން ބުނެފައިވަނީ އެމީހުން ހަގުރާމަކުރަނީ ޙަމާސްއަށް އެހީތެރިވުމަށް ކަމަށާއި، ޣައްޒާގައި ހަނގުރާމަ ހުއްޓުމަކަށް ނާންނަނީސް ހަމަލާތައް ހުއްޓާ ނުލާނެ ކަމަށެވެ. މި ދެ ޖަމާޢަތަކީވެސް އީރާނުގެ އެހީތެރިކަން ލިބޭ ޖަމާޢަތްތަކެކެވެ. އަދި އިސްރާއީލާއި އިނގިރޭސިވިލާތާއި އެހެނިހެން ޤައުމުތަކުން މި ޖަމާޢަތްތައް ވަނީ ޓެރަރިސްޓު ޖަމާޢަތްތަކެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.