ތިނަދޫ ސިޓީއިން ދޫކުރާ ގޯތިތައް ލިބޭ މީހުންގެ މެދުގައި ގުރުއަތުލުން އަންނަ އާދިއްތަ ދުވަހު ބާއްވަން

ތިނަދޫ ސިޓީއިން ދޫކުރާ ގޯތިތައް ލިބޭ މީހުންގެ މެދުގައި ގުރުއަތުލުން އަންނަ އާދިއްތަ ދުވަހު ބާއްވަން

Author
ޙަސަން މުޙައްމަދު
23 ސެޕްޓެމްބަރ 2024 12:37
0

ތިނަދޫ ސިޓީއިން ދޫކުރާ ގޯތިތައް ލިބޭ މީހުންގެ މެދުގައި ގުރުއަތުލުން އަންނަ އާދިއްތަ ދުވަހު ބާއްވަން ނިންމާފައިފިއެވެ. މި ގުރުއަތުލުމުގައި ގޯތި ލިބޭ މީހުން ކަނޑައެޅުމާއި ގޯތި ލިބޭ ތަން ކަނޑައެޅުން ހިމެނޭނެއެވެ.

ދެކުނުގެ އާބާދީ އެންމެ ބޮޑު އެއް ރަށް ކަމަށްވާ ތިނަދޫން ދިރިއުޅުމަށްޓަކައި 200 ގޯތި ދޫކުރަން ނިންމާފައިވެއެވެ. މި ގޯތިތަކަށް އިއުލާންކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގައެވެ. މި ގޯތިތަކުގެ ތެރޭގައި ތިނަދޫ ރައްޔިތުންނަށާއި، ދަފްތަރުގައި ހިމެނޭ މީހުންނަށާއި، ރަށުން ބޭރު މީހުންނަށާއި، އެކަނިވެރި މައިންނާއި ބަފައިންނަށާއި، ތިނަދޫގައި ވިޔަފާރިކުރާ ރަށުން ބޭރު މީހުންނަށާއި، ޕްރޮފެޝަނަލް ދާއިރާއިން ޚިދުމަތްދޭ މީހުންނަށް ދިނުމަށް ކަނޑައަޅާފައިވާ 1،500-2،000 އަކަފޫޓުގެ ގޯތިތައް ހިމެނެއެވެ.

ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި، ކެޓެގަރީ A އަށް ކަނޑައެޅިފައިވާ 120 ގޯތީގެ ތެރެއިން 78 ޕޮއިންޓަށް ވުރެ މަތިން ލިބިފައިވާ މީހުންނާއި، ކެޓެގަރީ B އަށް ކަނޑައެޅިފައިވާ 66 ގޯތީގެ ތެރެއިން 48 ޕޮއިންޓަށް ވުރެ މަތިން ލިބިފައިވާ މީހުންނަށް ގޯތި ލިބޭނެކަން ޔަގީންވެފައިވެއެވެ. އެހެންކަމުން، ކެޓެގަރީ A އިން 77 ޕޮއިންޓް ލިބުނު މީހުންނާއި ކެޓެގަރީ B އިން 47 ޕޮއިންޓް ލިބުނު މީހުންގެ މެދުގައި ގޯތި ލިބޭ މީހުން ކަނޑައެޅުމަށް ގުރުއަތު ނެގުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް، ކެޓެގަރީ C އަށް ކަނޑައެޅިފައިވާ ގޯތިތަކަށް ޝަރުޠު ފުރިހަމަވާ ފަރާތްތައް ހަމަވެފައިވާތީ، އެ ކެޓެގަރީއަށް ގުރުއަތުލުމެއް ނުބޭއްވޭނެ ކަމަށް ބުނެފައިވެއެވެ.

ގުރުއަތުލުން އޮންނާނީ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00 ގައި ތިނަދޫ އާބާދީ މަރުކަޒުގައެވެ. ހަމަ އެ ދުވަހު ގޯތީގެ ލޮކޭޝަންތައް ކަނޑައެޅުމަށް ބާއްވާ ގުރުއަތުލުން ވެސް ކުރިއަށް ގެންދާނެއެވެ. ގުރުއަތުލުމަށް ހާޒިރުވާ މީހާއަކީ ގޯއްޗަށް އެދުނު މީހާ ނޫން ނަމަ، ބަދަލުގައި ފޮނުވާފައިވާ މީހެއްކަން އަންގައިދޭ ލިޔުމަކާއި، ބަދަލުގައި ފޮނުވާ މީހާގެ އައިޑީކާޑުގެ ކޮޕީއެއް، އަދި ގޯތި ލިބޭ މީހާގެ އައިޑީކާޑުގެ ކޮޕީއެއް ގެންދަންވާނެ ކަމަށް އިއުލާނުގައި ބަޔާންކޮށްފައިވެއެވެ. ގުރުއަތުލުމަށް ނުދެވޭ އަދި ބަދަލުގައި މީހަކު ނުފޮނުވޭ ނަމަ، ގުރުއަތުލުން ކުރިއަށް ގެންގޮސް ނިންމާނީ ސިޓީ ކައުންސިލުން ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.