ސިނަމާލު ބުރިޖުގައި މިއަދު މެންދުރު 12:57 އެހާކަންހާއިރު ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ބުރިޖު މަތީގައި ހުރި ޓްރެފިކް ލައިޓް ކައިރީގައެވެ. މި ހާދިސާގައި ސައިކަލެއް ދުއްވަމުން ދިޔަ ދިވެހި އަންހެނަކަށް އަނިޔާވެ، އޭނާ ވަނީ ފަރުވާއަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވިފައެވެ. ނަމަވެސް އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލު ފުލުހުން ހާމަކުރައްވާފައެއް ނުވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވެފައިވަނީ މި އެކްސިޑެންޓްގައި ހިމެނޭ ދެ ސައިކަލު ދުއްވި ފަރާތްތަކަކީވެސް ސައިކަލު ދުއްވުމުގެ ލައިސަންސް އޮތް ފަރާތްތަކެއް ކަމަށެވެ. މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ އެންމެހައި ކަންކަން މިހާރު ފުލުހުން ދަނީ ބަލަމުންނެވެ.
ކޮމެންޓު ފޮނުވާ