އާސަންދައިގެ ދަށުން ބެންގަލޫރުގެ އެސްޓަރ ސީ.އެމް.އައި އިން ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް އާސަންދަ ކަނޑާލާފައި ނުވާނެކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ. މިއީ ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވާހަކަތައް ދޮގުކޮށް ނެރުނު ނޫސްބަޔާނެކެވެ.
އާސަންދައިން ވިދާޅުވިގޮތުގައި، މި ބަލިމީހާއަކީ އުމުރުން 65 އަހަރުގެ މީހެއް ކަމަށާއި، އޭނާ ސައުދީ ޢަރަބިއާގެ ޖިއްދާއިން އިންޑިއާއަށް ގެންދިޔައީ އެއަރ އެމްބިއުލާންސް މެދުވެރިކޮށް، ޒަކާތު ފަންޑުގެ އެހީގައެވެ. އާސަންދަ، އެންސްޕާ އަދި ޒަކާތު ފަންޑު ހިމަނައިގެން ދައުލަތުގެ ފަރާތުން ގާތްގަނޑަކަށް 1.5 މިލިޔަނަށްވުރެ ގިނަ ރުފިޔާ އެހީގެ ގޮތުގައި ހަމަޖައްސާފައިވާކަމަށް ބުނެފައިވެއެވެ.
ބަލިމީހާއަށް ފަރުވާދެމުންދަނީ ހައިޕޮކްސިކް އިސްކެމިކް އެންސެފަލޯޕެތީއަށެވެ. އިންޓެންސިވް ރިހެބިލިޓޭޝަނަށް އެޑްމިޓް ކުރުމަށް އެސްޓަރ ސީ.އެމް.އައިއިން އާސަންދައަށް ރިކުއެސްޓް ފޮނުވާފައިވަނީ މިއަހަރުގެ މާރޗްމަހުގެ 14 ވަނަ ދުވަހުގައެވެ. އޮގަސްޓު 18 އާއި ހަމައަށް ހޮސްޕިޓަލުން ފޮނުވި ހުރިހާ އިންޓެރިމް ބިލްތަކަށް އާސަންދައިން ވަނީ އެޕްރޫވަލް ދީފައެވެ.
ގާތްގަނޑަކަށް 5 މަސްދުވަހުގެ މުއްދަތަށްފަހު، ބަލިމީހާގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ، ރާއްޖޭގައި އިތުރު ސަޕޯޓިވް ކެއަރ ކުރިއަށް ގެންދިއުމަށް ބަލިމީހާ އަނބުރާ ގެނައުމަށް މިދިޔަމަހުގެ 14 ވަނަ ދުވަހު އާޢިލާއާއެކު ވާހަކަދެއްކިކަމަށް އާސަންދައިން ބުނެފައިވެއެވެ. ރާއްޖޭގައި އަލްޓަނޭޓިވް ރިހެބިލިޓޭޝަން އޮޕްޝަންތައް ހުރިކަމާއި ރާއްޖެއިން ބޭރުން ދިގު މުއްދަތަކަށް ރިހެބިލިޓޭޝަން ދިނުމަކީ އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ކަމެއްކަން އާއިލާއަށް އޮޅުންފިލުވައިދީފައިވެއެވެ.
އާސަންދައިން ބުނެފައިވަނީ، މިދިޔަމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހޮސްޕިޓަލުގެ ބިލު 89،339.91 ޑޮލަރު އަރާފައިވާ ކަމަށާއި، އާސަންދަ ސްކީމުގެ ދަށުން ކަވަރު ނުކުރާ ޗާޖްތައް އުނިކުރުމަށްފަހު 85،989.15 ޑޮލަރު ބަލިމީހާގެ ބިލުން ހަމަޖައްސައިދިނުމަށް އެޕްރޫވްކޮށްފައިވާ ކަމަށެވެ.