ޚާން ޔޫނިސްއަށް އިޒްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ 40 މީހަކު ޝަހީދު ކޮށްލައިފި

ޚާން ޔޫނިސްއަށް އިޒްރާއީލުން ދިން ހަމަލާއެއްގައި ފަލަސްތީނުގެ 40 މީހަކު ޝަހީދު ކޮށްލައިފި

ހަމާސްއިން ހިންގާ ސިވިލް ޑިފެންސް އޮތޯރިޓީއިން ބުނެފައިވާ ގޮތުގައި ދެކުނު ގާޒާގައި އިންސާނީ އެހީއަށް ކަނޑައަޅާފައިވާ ސަރަހައްދަކަށް އިސްރާއީލުން ދިން ހަމަލާތަކެއްގައި މަދުވެގެން 40 މީހުން މަރުވެ، އަދި އެތައް ބަޔަކު ޒަޚަމްވެއްޖެއެވެ.

އިސްރާއީލުގެ މިލިޓަރީއިން ބުނެފައިވަނީ، ޚާން ޔޫނިސްގައި ހުރި ހަމާސްގެ ހަނގުރާމަވެރިންގެ އޮޕަރޭޝަންސް ސެންޓަރަކަށް އެފަރާތުގެ މަތިންދާބޯޓުތަކުން ހަމަލާދީފައިވާ ކަމަށާއި، އާންމު ރައްޔިތުންނަށް ގެއްލުން ވިޔަނުދިނުމަށް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

އެ ސަރަހައްދުގެ ރަށްވެހިން ބުނެފައިވާ ގޮތުގައި، ޚާން ޔޫނިސް ސިޓީގެ ހުޅަނގަށް އޮންނަ އިންސާނީ އެހީގެ ސަރަހައްދު ކަމަށްވާ އަލް-މަވާސީގައި މީހުން ދިރިއުޅޭ ޓެންޓުތަކަށް އަމާޒުކޮށް ތިން ހަމަލާ ދީފައިވެއެވެ. މި ހަމަލާތަކުގެ ސަބަބުން ބޮޑެތި ވަޅުގަނޑުތަކެއް އުފެދިފައިވާ ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.

"40 މީހުން މަރުވެ، 60 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވޭ، އަދި އަދިވެސް އެތައް ބަޔަކު ތަނުގެ ސަރަހައްދުގެ ތެރޭގައި ވެއްޓިފައިވާ އިމާރާތްތަކުގެ ތެރޭގައި އެބަތިބި،" ހަމާސް ހިންގާ ސިވިލް ޑިފެންސް އޮތޯރިޓީގެ އޮޕަރޭޝަންސް ޑިރެކްޓަރު ބީބީސީއަށް މިހެން ވިދާޅުވިއެވެ.

މަންޒަރު ދުށް މީހުން ބީބީސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި މެންދަމުގެ ވަގުތުތަކަކަށްފަހު އަލް-މަވާސީ ސަރަހައްދުގައި ބޮޑެތި ގޮވުންތަކެއް އިވި، އަލިފާނުގެ އަލިކަން އުޑަށް އުފުލިގެންދިޔައެވެ.

އެ ހަމަލާތައް ދިން ސަރަހައްދާ ކައިރީގައި ދިރިއުޅޭ، ޗެރިޓީ ޖަމްޢިއްޔާއެއްގައި މަސައްކަތްކުރާ ޚާލިދު މަޙްމޫދު ބުނެފައިވަނީ އޭނާ އާއި އެހެން މުވައްޒަފުން އެހީތެރިވުމަށް އަވަސްވެގަތް ނަމަވެސް، އެ ކާރިސާގެ ބޮޑުކަމުން ހައިރާންވެފައިވާ ކަމަށެވެ.

"އެ ހަމަލާތަކުން އުފެދުނު ތިން ވަޅުގަނޑުގެ ފުންމިނުގައި ހަތް މީޓަރު ހުރި، އަދި 20 އަށްވުރެ ގިނަ ޓެންޓު ވަޅުލެވިފައިވޭ،" މަޙްމޫދު ބުނެފައިވެއެވެ.

ސައްހަކަން ކަށަވަރުނުވާ ވީޑިއޯތަކެއްގައި، އެއަރސްޓްރައިކުތަކުގެ ސަބަބުން އުފެދިފައިވާ ފުން ވަޅުގަނޑެއްގައި ފަލަސްޠީނު މީހުން ސަލާމަތްކުރަން އުޅޭ މަންޒަރު ފެނެއެވެ. މި މަންޒަރުތަކުގައި އާންމު ރައްޔިތުން އަތުން ވެލިކޮނެ، އެމީހުން ސަލާމަތްކުރަން މަސައްކަތްކުރާ މަންޒަރު ދައްކައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *