"މާލީ ބަޢާވާތާއި" ގުޅޭ މީހުން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރިޔަށް: ފުލުހުން

"މާލީ ބަޢާވާތާއި" ގުޅޭ މީހުން ދެނެގަތުމުގެ މަސައްކަތް ދަނީ ކުރިޔަށް: ފުލުހުން

Author
ޙަސަން މުޙައްމަދު
28 އޮގަސްޓް 2024 02:06
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުޢާމަލާތް ނުކުރެވޭ ގޮތަށް އެ ބޭންކުން އިޢުލާން ކުރުމާ ގުޅިގެން، ސަރުކާރު ވައްޓާލަން އިދިކޮޅު ފަރާތްތަކުން ގޮވާލި މައްސަލައިގައި ފިޔަވަޅު އަޅަންޖެހޭ މީހުން ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުން އޮގަސްޓް 26 ވަނަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ، ސަރުކާރުގެ މައި ހިއްސާ އޮންނަ ބޭންކަކުން ސަރުކާރުގެ މަޝްވަރާއާ ޚިލާފަށް ދިވެހި ގިނަ ރައްޔިތުންނަށް ކުއްލި ސިހުމެއް ލިބޭ ފަދަ ނިންމުމެއް ނިންމި ވަގުތާ ދިމާކޮށް، ސިޔާސީ ފަރާތްތަކުން ސަރުކާރުގެ މާލީ ހާލަތާ ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، ހަމަ އެވަގުތު މީސް މީޑިއާގެ އެތައް ސަތޭކަ ބޮޓް އެކައުންޓުތައް ބޭނުންކޮށްގެން ސަރުކާރު ވައްޓާލަން މަގުތަކަށް ނުކުތުމަށާއި އާންމު ހަމަޖެހުން ނަގާލުމަށް ގޮވައި ޤައުމުގެ މަޞްލަޙަތު ނަގާލުމަށް ހިތްވަރުދީފައިވާ ކަމަށެވެ.

މި އިޝާރާތް ކުރެއްވީ ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިސްވެ ހުންނަވައި ރާއްޖޭގެ އިޤްތިޞާދީ ހާލަތާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށެވެ. މިކަމަކީ ޤާނޫނީ ސަރުކާރެއް ޣައިރު ޤާނޫނީކޮށް ބަދަލުކޮށްލުމަށް ކުރެވިގެން ދިޔަ ކަމެއް ކަމަށް ބެލުމުގެ ޖާގަ އޮތުމުން، މި މައްސަލަ ފުލުހުންގެ ޚިދުމަތުގެ ފަރާތުން ތަޙުޤީޤު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ވިދާޅުވެފައިވަނީ، މި ކަންކަމާ ގުޅިގެން ކުރިއަށް ގެންދާ ތަޙުޤީޤުގައި، ހޯދަންޖެހޭ އެންމެހައި މަޢުލޫމާތު އެއްކުރުމާއި، ބަލަންޖެހޭ ހުރިހާ ކަންކަން ތަފްޞީލުކޮށް ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ފިޔަވަޅު އަޅަންޖެހޭ ފަރާތެއް ވާނަމަ އެކަން ދެނެގަތުމާއެކު، ތަޙުޤީޤު މަރުޙަލާގައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.

ފާހަގަކޮށްލެވޭ ކަމަކީ، ބީއެމްއެލްގެ ރުފިޔާ އެކައުންޓުތަކަށް ދޫކޮށްފައިވާ ޑެބިޓް ކާޑުތަކާއި ކްރެޑިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ މުޢާމަލާތް ކުރެވޭ ގޮތަށް އަލުން އެ ބޭންކުން ވަނީ ހަދާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.