ރާއްޖޭގެ ހުރިހާ ރަށެއްގައި 3 އަހަރުތެރޭ ސްމާޓް މީޓަރު ބޭނުންކުރަން ފަށާނެ: ތޯރިގް

ރާއްޖޭގެ ހުރިހާ ރަށެއްގައި 3 އަހަރުތެރޭ ސްމާޓް މީޓަރު ބޭނުންކުރަން ފަށާނެ: ތޯރިގް

ގުޅުންހުރި

ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ބޭނުންކުރަން ފަށާނެ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ދ. ކުޑަހުވަދޫގެ ހުރިހާ ގެތަކެއްގައި ބޭނުންކުރާ ކަރަންޓު މީޓަރުތައް ސްމާޓް މީޓަރަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިނިސްޓަރު ތޯރިޤް ވިދާޅުވީ، ކުޑަހުވަދޫގައި ސްމާޓް މީޓަރު ހަރުކުރުމުގެ މަޝްރޫޢަކީ ރާއްޖޭގެ ހަކަތައިގެ ސިނާޢަތަށް ގެނައި އިންޤިލާބީ ކުރިއެރުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ސްމާޓް މީޓަރު ހަރުކޮށް ނިމި ބޭނުންކުރަން ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ސްމާޓް މީޓަރުތަކުގެ ބޭނުންތެރިކަމާ ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، "ސްމާޓް މީޓަރުން އެ ދުވަހެއްގައި ކަރަންޓު ބޭނުންކުރެވުނު މިންވަރު އެނގިގެންދާނެ. އަދި ކުރިއަށް އޮތް ތަނުގައި ގަޑިއިރަކު ބޭނުންކުރަނީ ކިހާ ކަރަންޓެއްކަން ވެސް އެނގިގެންދާނެ" ކަމަށެވެ. މީގެ އިތުރުން، ކަރަންޓު އެންމެ ގިނައިން ބޭނުންކުރެވޭ ގަޑިތަކާއި އެއް ދުވަސްތެރޭ ކަރަންޓު ބޭނުންކުރެވެނީ ކިހާ އަދަދެއްކަންވެސް މި މީޓަރުތަކުން ބަލައިލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު ތޯރިޤް އިތުރަށް ވިދާޅުވީ، "މީގެ މާނައަކީ ހަކަތަ އިޤްތިޞާދުކުރުމަށް އެޅިގެންދިޔަ ފިޔަވަޅެކޭ މިއީ. ކަރަންޓު ލީކެއް އުޅޭނަމަ މީގެ ސަބަބުން އެނގޭނެ" ކަމަށެވެ. އަދި ސްމާޓް މީޓަރު ހަރުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ މަޝްރޫޢުއެއްކަން ފާހަގަކުރައްވައި، ފެނަކަ އާއި ސްޓެލްކޯ އިން ކަރަންޓުގެ ޚިދުމަތްދޭ ރަށްރަށުގައި މި މަޝްރޫޢު ނިންމުމަކީ އަމާޒެއްކަމަށްވެސް ވިދާޅުވިއެވެ.

ނިންމާލަމުން މިނިސްޓަރު ފާހަގަކުރެއްވީ، މިދިޔަ ފަސް އަހަރު ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށާއި، އަހަރުން އަހަރަށް ކަރަންޓަށް އޮތް ޑިމާންޑު 10 ޕަސެންޓަށް އިތުރުވެފައިވާ ކަމަށެވެ. މި ހާލަތުގައި ސްމާޓް މީޓަރު ތަޢާރަފުކުރުމަކީ ހަކަތައިގެ ބޭނުން ހަރުދަނާކޮށް، އިޤްތިޞާދީ ގޮތުން ފައިދާހުރި ފިޔަވަޅެއްކަމުގައި އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ