ތ. ދިޔަމިގިލީ ކައުންސިލް އިދާރާއިން މާލީ ތަފާސް ހިސާބުތައް ބަލަހައްޓައި، ކައުންސިލަށް ނަގުދު ފައިސާއިން ލިބުނު އާމްދަނީތައް އެކައުންޓަށް ޖަމާ ނުކުރާ މައްސަލަތަކެއް އޮޑިޓު ރިޕޯޓުގައި ފެންމަތިކޮށްފިއެވެ. މި ރިޕޯޓު ތައްޔާރު ކުރުމުގައި އޮޑިޓަރ ޖެނެރަލްގެ މަސްއޫލިއްޔަތަކީ ކޮޅުމަޑުލު ދިޔަމިގިލީ ކައުންސިލްގެ އިދާރާގެ ބަޖެޓުން ޚަރަދުކޮށްފައި ވަނީ އެ އަހަރަށް ކައުންސިލުން ފާސްކުރި ބަޖެޓާއި އެއްގޮތަށް މާލިއްޔަތު ޤާނޫނުގެ ތެރެއިންތޯ ބެލުމެވެ.
އޮޑިޓުން ފާހަގަކުރެވުނު މައްސަލަތަކުގެ ތެރޭގައި، ކައުންސިލްގެ އިދާރާގެ ތިޖޫރީގައި ހުންނަން ޖެހޭ ފައިސާގެ ތެރެއިން 605،438 ރުފިޔާ ގެއްލިފައިވާކަން ހިމެނެއެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތިޖޫރީގައި ހުންނަން ޖެހޭ ފައިސާ ހަމައަށް ހުރިތޯ ބެލިއިރު، އެ ތާރީޚުގެ ނިޔަލަށް ހުންނަން ޖެހޭ ފައިސާ ނެތްކަން އެނގުނެވެ.
ކައުންސިލުގެ އިދާރާގައި ބަހައްޓައިގެން ޚަރަދު ކުރުމަށް ކައުންސިލް އިދާރާގެ ބޭންކު އެކައުންޓުތަކުން 1.9 މިލިއަން ރުފިޔާ ނަގާފައިވާއިރު، ކައުންސިލްގެ އާމްދަނީގެ ގޮތުގައި ނަގުދު ފައިސާއިން ބަލައިގަތް ފައިސާގެ އަދަދަކީ 397،052 ރުފިޔާއެވެ. އެހެންކަމުން ކައުންސިލްގެ އިދާރާގައި ބަހައްޓައިގެން ރޯލް ކުރި ފައިސާގެ އަދަދު 2 މިލިއަން ރުފިޔާއަށް އަރައެވެ.
އޮޑިޓު ރިޕޯޓުގައި ހިމަނާފައިވާ އަދަދުތަކުން އެނގޭ ގޮތުގައި، ޚަރަދު ކުރިކަމަށް ރިކޯޑު ކުރީ 1.7 މިލިއަން ރުފިޔާ ނަމަވެސް، މަސައްކަތުގެ ބޭނުމަށް ޚަރަދު ކުރިކަން ކަށަވަރު ކުރެވެނީ 1.4 މިލިއަން ރުފިޔާއެވެ. ނަގުދު ފައިސާއިން ޚަރަދު ކުރިކަމަށް ބެލެވޭ ތިން ލައްކަ ރުފިޔާގެ ތަފްސީލު ރެޖިސްޓްރީގައި ނުވަތަ ލިޔެކިއުމެއްގައި ނެތްއިރު ޚަރަދެއް ކުރިކަމަށް ބާރު ދޭ އެއްވެސް ހެއްކެއް ނެތްކަމަށް ރިޕޯޓުގައި ވެއެވެ.
ރިޕޯޓުގައި ބުނެފައިވަނީ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ލިބުނު ފައިސާ ނަގުދުކޮށް އަދި އެކައުންޓުން ނަގައި ޚަރަދު ކުރިކަމަށް ފާހަގަކުރެވޭ ކަމަށެވެ. އަދި ރިޕޯޓުގައި ބަލާފައިވާ މުއްދަތުގެ ތެރޭގައި ލިބުނު އާމްދަނީ ކައުންސިލް އިދާރާއިން ބަލަހައްޓާފައި ނުވާއިރު ފައިސާތައް ގަވާއިދުން އެކައުންޓަށް ޖަމާކޮށްފައި ނެތްކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން، އާންމުކޮށް ގިނަ ޚަރަދުތައް ކައުންސިލުންކޮށްފައި ހުރީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ނުހޯދައިކަމަށް ރިޕޯޓުގައި ވެއެވެ. އަދި ކައުންސިލް އިދާރާގެ މާލީ ތަފާސްހިސާބުތަކާއި އެކަމާއި ގުޅޭ ލިޔެކިއުންތައް ދައުލަތުގެ މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ބަލަހައްޓާފައި ނުވާކަން އޮޑިޓުގައި ވެއެވެ.
އޮޑިޓު އޮފީހުން ވަނީ ކައުންސިލްގެ އާމްދަނީ ފައިސާއާއި އެކައުންޓުތަކުން ނަގާފައިވާ ފައިސާގެ ތެރެއިން މަދުވާކަމަށް ބެލެވޭތީ މައްސަލަ ތަޙުޤީޤުކޮށް ފިޔަވަޅު އަޅައިދޭން އެދިފައެވެ. އަދި ލިޔެކިއުންތައް ބެލެހެއްޓުމުގައި އިހުމާލުވި މީހުންގެ މައްޗަށް ވެސް ތަޙުޤީޤެއް ހިންގައި ޒިންމާ ކުރުވުމަށް ވަނީ އަންގާފައެވެ.