ބުޅާމަހުން ކާނާހަދާ ވިއްކަމުން ދިޔަ ބިދޭސީ މީހާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

ބުޅާމަހުން ކާނާހަދާ ވިއްކަމުން ދިޔަ ބިދޭސީ މީހާގެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

Author
ޙަސަން މުޙައްމަދު
20 އޮގަސްޓް 2024 11:08
0

ބުޅާ މަރައި، އޭގެ މަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާކަމަށް ތުހުމަތު ކުރެވޭ ބިދޭސީ މީހެއްގެ މައްސަލަ ފުލުހުން ތަޙުޤީޤު ކުރަން ފަށައިފައެވެ. ބިދޭސީއަކު ބުޅާމަހުން ކާތަކެތި ހަދާ ވިއްކަމުން ދިޔަ މައްސަލައަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އެއްވެސް ސާފުތާހިރުކަމެއް ނެތި ކާބޯތަކެތި ތައްޔާރުކުރާ މައްސަލައާ ގުޅިގެން އިމިގްރޭޝަނުން ކުރަމުންދާ ތަޙުޤީޤުގެ ތެރެއިން ކުއްލިއަކަށް ފެންމަތިވި މައްސަލައެކެވެ.

އެމީހާ ބުޅަލެއް ކޮތަޅަކަށް ލައިގެން އުޅޭ ވޯޑިއޯއެއްވެސް ރޭ ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. އެ ވީޑިއޯގައި ބިދޭސީ މީހަކު ކޮތަޅަކަށް ބުޅަލެއް އަޅައިގެން ޕާކިން ޒޯނެއްގައި މަޑުކޮށްގެން ހުއްޓައި ބަޔަކު ގޮސް އޭނާއާ ސުވާލު ކުރާ މަންޒަރެވެ. ސުވާލުކުރުމުން އޭނާ ބުނީ ބުޅަލެއް ގެއަށް ގެންދަން އުޅޭ ވާހަކައެވެ. އެ ސަރަހައްދުގައި އުޅޭ ގިނަ ބަޔަކު ބުނާ ގޮތުގައި މި ބިދޭސީ މީހާ ދިރިއުޅޭ ގެއަށް ބުޅާތައް ގެންދާތަން ފެނިފައިވެއެވެ. އަދި އެ ސަރަހައްދުން ބުޅާ ރޯ އަޑު އިވޭކަމަށާއި، ބައެއް ދުވަސްތަކުގައި ބުޅަލުގެ ބައިތަކެއްވެސް ފެންނަ ކަމަށް ބުނެއެވެ.

މި ބިދޭސީ މީހާގެ މައްޗަށް ތުހުމަތު ކުރެވެނީ އޭނާ ދިރިއުޅޭ ގޭގައި ކާބޯތަކެތި ތައްޔާރުކޮށް، އެތަކެތި ވިއްކާ ކަމަށެވެ. އޭނާ ވިއްކާ ކާބޯތަކެތީގެ ތެރޭގައި ބާގާއާއި ސަބްމެރިން އަދި ޕިއްޒާ ހިމެނޭ ކަމަށް ގިނަ ބަޔަކު ބުނެއެވެ. ކުރީގައި އޭނާ މި ތަކެތި ވިއްކަމުން އައީ ލޯގޯއެއް ޖަހައިގެން ކަމަށާއި، ނަމަވެސް ފަހުން އެއްވެސް ލޯގޯއެއް ނެތި ވިއްކާ ކަމަށް ތުހުމަތު ކުރެވެއެވެ.

މި މައްސަލަ ސޯޝަލް މީޑިއާގައި ފެތުރުމާ ގުޅިގެން އިމިގްރޭޝަނުގެ އޮފިސަރުން އޭނާ ދިރިއުޅޭ ގެއަށް ދިޔައިރު، އޭނާ ވަނީ ފިލާފައެވެ. އަރަފާތް ހުސެއިން ނަމަކަށް ކިޔާ މި 32 އަހަރުގެ ބަންގްލަދޭޝް މީހާ، އިމިގްރޭޝަން އައުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ބައެއް ތަކެތި ގެއިން ގެންދިޔަކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

އިމިގްރޭޝަނުން ވަނީ މި މައްސަލައިގައި ފަސް ދުވަހުގެ ނޯޓިސްއެއް ދީ، ބިދޭސީ މީހާ އެ އިދާރާއަށް ހާޒިރުވުމަށް އަންގާފައެވެ. އަދި އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭ ބަޔަކު ވާނަމަ އެކަން ރިޕޯޓުކުރުމަށްވެސް އެދިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.