ޕީޖީ ޝަމީމްގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި

ޕީޖީ ޝަމީމްގެ މައްޗަށް ހުށަހެޅިފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވައިފި

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ޙުސައިން ޝަމީމްގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ދިރާސާކުރުމަށްޓަކައި ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފިއެވެ.

މި މައްސަލަ ހުށަހެޅީ މައި ވެރިކަން ހިންގާ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލަމެންޓަރީ ގްރޫޕުގެ ނައިބު ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއަކުންނެވެ.

އަންގާރަ ދުވަހު ބޭއްވުނު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި މި ސިޓީ ހިއްސާކުރެވުނެވެ. ބައްދަލުވުމުގައި ބައިވެރިވި ކޮމިޓީގެ މެންބަރުން އިއްތިފާޤުން ވަނީ މި މައްސަލަ ކުރިއަށް ގެންދިއުމަށް ތާއީދުކޮށްފައެވެ.

ބުދަ ދުވަހު މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ މި މައްސަލަ އިތުރަށް ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ. އެހެންކަމުން، މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމިޓީގެ ބައްދަލުވުމުގެ އެޖެންޑާގައި މި މައްސަލަ ދިރާސާކުރުން ހިމަނާފައިވެއެވެ. ޝަމީމް ވަކިކުރުމާ ގުޅޭގޮތުން ކޮމިޓީން ނިންމާ ނިންމުން ފްލޯއަށް ފޮނުވަންޖެހޭނެއެވެ. އަދި އޭނާ ވަކިކުރުމާމެދު ފަހުގެ ނިންމުން ނިންމާނީ މަޖިލީހުގެ ފްލޯއިންނެވެ.

ޝާހިދު ފޮނުއްވި ސިޓީގައި ޝަމީމް ވަކިކުރަންޖެހޭ 8 މައިގަނޑު ސަބަބު ބަޔާންކޮށްފައިވެއެވެ. އެއީ:

* ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙީދުގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ދަޢުވާ އުފުލުމަށް ނިންމި ނިންމުން
* ކުރީގެ ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޚްލޫފްގެ މައްޗަށް ކޮރަޕްޝަންގެ ދަޢުވާ އުފުލުމަށް ނިންމި ނިންމުން
* 2020 ވަނަ އަހަރު ހިނގި "ސަފާރީ ރޭޕް ކޭސް" ގެ ނަމުން މަޝްހޫރުވެފައިވާ ރޭޕް މައްސަލައެއްގައި ދަށު ކޯޓުން ނިންމި ނިންމުމާމެދު އިސްތިއުނާފް ނުކުރުމަށް ނިންމި ނިންމުން
* ކުރީގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާގެ މައްޗަށް އުފުލާފައިވާ ހިއުމަން ޓްރެފިކިންގގެ ދަޢުވާ ދޫކޮށްލުމަށް ނިންމި ނިންމުން
* ރާބުއިމުގެ 77 މައްސަލައެއްގައި ދަޢުވާ ދޫކޮށްލުމަށް ނިންމި ނިންމުން
* އެއްޖިންސުން ގުޅުން ހިންގުމުގެ 13 މައްސަލައެއްގައި ދަޢުވާ ދޫކޮށްލުމަށް ނިންމި ނިންމުން
* ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން އަޙްމަދު ޝަފީޢުގެ މައްޗަށް ތުހުމަތުކުރެވޭ އެއްޖިންސުން ގުޅުން ހިންގުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކުރުމުގެ މައްސަލަތައް ބަލަން އިންކާރުކުރުން
* ވެންޓިލޭޓަރ ކޮރަޕްޝަން މައްސަލައިގައި ދަޢުވާ ނުކުރުމަށް ނިންމި ނިންމުން

މި މައްސަލަ ހުށަހެޅިފައިވަނީ ޖުލައި 1 ވަނަ ދުވަހު މަޖިލިސް ކުރިމަތީގައި މަދު ބަޔަކު އެއްވެ، ޝަމީމް އިސްތިއުފާ ދިނުމަށް ގޮވާލާފައި ވަނިކޮށެވެ. އެ ފަރާތްތަކުގެ މައިގަނޑު ކަންބޮޑުވުމަކަށް ވެފައިވަނީ މުއްދަތެއް ނެތް ބަންދުތައް ނައްތާލުމަށް ފިޔަވަޅު ނޭޅުމެވެ.

ޝަމީމް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެއްވީ 2019 ޑިސެމްބަރ 8 ވަނަ ދުވަހު، އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއެވެ.

އޭރު ޕީއެންސީ އިދިކޮޅުގައި އޮތްއިރު، އެ ޕާޓީގެ ލީޑަރުން ޝަމީމްގެ މައްޗަށް ގިނަ ފާޑުކިޔުންތައް އަމާޒު ކޮށްފައިވެއެވެ.

ޝަމީމަކީ ޔުނައިޓެޑް ކިންގްޑަމްގެ ސަސެކްސް ޔުނިވަރސިޓީ އިން މާސްޓަރ އޮފް ލޯސް އިން ކްރިމިނަލް ލޯ އެންޑް ކްރިމިނަލް ޖަސްޓިސް ހާސިލުކުރައްވާފައިވާ އަދި މިޞްރުގެ އަލް އަޒްހަރު ޔުނިވަރސިޓީ އިން ބެޗްލަރ އޮފް އާޓްސް އިން ޝަރީޢާ އެންޑް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް އައްޔަންކުރެއްވުމުގެ ކުރިން، އޭނާ ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިސް މަޤާމުތަކެއްގައި މަސައްކަތްކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *