އާސަންދަ ނިޒާމު އިޞްލާޙު ކުރުމުގެ މަސައްކަތުގެ ދަށުން، މިއަންނަ އޮކްޓޯބަރު މަހުން ފެށިގެން އާސަންދައިގެ ޚިދުމަތް ލިބޭނީ އިތުރު އިންޝުއަރެންސް ސްކީމެއްގައި ބައިވެރިވެފައިވާ ފަރާތްތަކަށް، އެ އިންޝުއަރެންސް ބޭނުންކުރުމަށްފަހުގައި ކަމުގައި އެންސްޕާގެ ސީއީއޯ ހީނާ ވަލީދު މިއަދު ހާމަކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާޢީ ކޮމިޓީގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވީ، މި ބަދަލާއެކު ޑަބަލް އިންޝުއަރެންސްގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ. އޭރުން އާސަންދައިގެ ބަދަލުގައި ފުރަތަމަ ބޭނުންކުރާނީ އެހެނިހެން އިންޝުއަރެންސްތައް ކަމަށް އޭނާ ވިދާޅުވިއެވެ.
އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެންމެ ހެޔޮ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި، ވެލްފެއަރ ޕޮލިސީއާއި އާސަންދަ ޕޮލިސީއަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެ ޑްރާފްޓްތައް އެކުލަވާލައި އަވަހަށް ކެބިނެޓަށް ހުށަހަޅާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
ވެލްފެއާ ޕޮލިސީ އާއި އާސަންދައިގެ ޕޮލިސީއަށް ބައެއް ކަހަލަ ބަދަލުތައް ގެންނަން އެބަ މަސައްކަތް ކުރަން. އޭގެ ޑްރާފްޓްތަކެއް މިހާރު އެކުލަވާލެވި ވަރަށް އަވަހަށް ކެބިނެޓަށް އެ ޕޭޕާ ހުށަހަޅާނަން، އެ އަށް ގެންނަ އިސްލާހުތަކާ އެކީގައި.
ހީނާ ވިދާޅުވި އެވެ.
މީގެއިތުރުން، އެންސްޕާއިން ސޯޝަލް ރަޖިސްޓްރީއެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިއީ ގޭބިސީތަކުގެ މަޢުލޫމާތާއި އެ މީހުންގެ ދިރިއުޅުމުގެ ފެންވަރު ދެނެގަތުމަށް ކުރެވޭ މަސައްކަތެއް ކަމަށް ހީނާ ފާހަގަކުރެއްވިއެވެ. މި ނިޒާމުގެ ސަބަބުން އެހީ ބޭނުންވާ ފަރާތްތައް ދެނެގަނެ، އެކަމާ ގުޅޭ ގަވާއިދުތައް އެކުލަވާލައި އެހީތެރިކަން ފޯރުކޮށްދިނުމުގައި މި ނިޒާމަށް ބަރޯސާވާނެ ކަމަށްވެސް އެނާ ވިދާޅުވިއެވެ.
އާސަންދަ ސްކީމުގެ ދަށުން ދައުލަތަށް ކުރިމަތިވާ އިސްރާފުތައް ކުޑަކުރުމަށް އިޞްލާޙީ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ތައްޔާރުވަމުންދާ ކަމަށާއި، މީގެ ތެރޭގައި ޔޫއެންޑީޕީއާއެކު ބަލްކް ޕްރޮކިއުމަންޓްގެ ދަށުން ހެޔޮ އަގުގައި ބޭސް ގެނައުމަށް އެއްބަސްވެފައިވާ ކަންވެސް ހީނާ ފާހަގަކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އާސަންދައަށް 918 މިލިއަން ރުފިޔާ ޚަރަދުކުރެވިފައިވާ ކަމަށާއި، މިއީ މި އަހަރަށް ކަނޑައެޅި ބަޖެޓުގެ ގާތްގަނޑަކަށް 50 އިންސައްތަ ކަމަށް ބަޔާންކޮށްފައިވެއެވެ. އާސަންދައަށް މި އަހަރު 1.9 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.