ރައްޔިތުންގެ މަޖިލީހުން މިއަދު އިންޝުއަރެންސް ބިލު ފާސްކޮށްފިއެވެ. މި ބިލު ފާސްކުރީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 77 މެންބަރުންގެ އިއްތިފާޤުންނެވެ.
މި ބިލަކީ ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ތޯރިޤު (ޓޮމް) ހުށަހެޅުއްވި ބިލެކެވެ. ބިލުގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި އިންޝުއަރެންސް ވިޔަފާރި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި ހިންގުމަށް ބޭނުންވާ އުސޫލުތައް ކަނޑައެޅުމެވެ.
މި ބިލުގައި އިންޝުއަރެންސް ކުންފުނިތަކާއި އިންޓަމީޑިއަރީންނަށް ލައިސަންސް ދިނުމުގެ އުސޫލުތަކާއި، އިންޝުއަރެންސް ދާއިރާ ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމުގެ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. އަދި ލައިސަންސް ނެތި އިންޝުއަރެންސްގެ ޚިދުމަތްދޭ ފަރާތްތަކަށް 100,000 ރުފިޔާއިން ފެށިގެން 5 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭނެ ގޮތް ހަމަޖައްސާފައިވެއެވެ. މި ޖޫރިމަނާތައް ކުރުމުގެ އިޚްތިޔާރު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ލިބިގެންދާނެއެވެ.
މިހާރު ރާއްޖޭގައި އިންޝުއަރެންސްގެ ޚިދުމަތް ދިނުމުގެ ހުއްދަ ލިބިފައިވަނީ 5 ކުންފުންޏަކަށާއި، 10 ބްރޯކަރުންނަށް އަދި 60 އޭޖެންޓުންނަށެވެ. މި ބިލުގެ ބަހުސްގައި ގިނަ މެންބަރުން ފާހަގަކުރެއްވީ މިހާތަނަށް އިންޝުއަރެންސްއާ ބެހޭ ވަކި ޤާނޫނެއް ނެތުމަކީ ދާއިރާގެ ތަރައްޤީއަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ. މި ބިލު ފާސްވުމާއެކު އިންޝުއަރެންސް ދާއިރާ އިތުރަށް ހަރުދަނާވެ، ރެގިއުލޭޓްކުރުމަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
ކޮމެންޓު ފޮނުވާ