ޖައިޝަންކަރު އެމްޑީޕީގެ ލީޑަރޝިޕްއާއި ބައްދަލު ކުރައްވައިފި

ޖައިޝަންކަރު އެމްޑީޕީގެ ލީޑަރޝިޕްއާއި ބައްދަލު ކުރައްވައިފި

Author
ހުސައިން
10 އޮގަސްޓް 2024 10:16
0

ރާއްޖޭގައި މިހާރު ރަސްމީ ދަތުރެއްގައި އުޅުއްވާ އިންޑިއާގެ ބޭރުގެ ވަޒީރު ޖައިޝަންކަރު، އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ނައިބު ރައީސް ހިސާން ހުސައިން، ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގު ބައިވެރިވެވަޑައިގަތެވެ.

މީގެ އިތުރުން، އެމްޑީޕީގެ ފޮރިން ރިލޭޝަން ކޮމިޓީގެ މެންބަރުންނާއި ޒުވާނުންގެ ގޮފީގެ ރައީސް ވެސް މި ބައްދަލުވުމުގައި ހިމެނުނެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން އެމްޑީޕީން ބުނެފައިވަނީ، ކުރީގެ ސަރުކާރުގައި އިންޑިއާއާއެކު ވެފައިވާ ބައެއް އެއްބަސްވުންތައް އައުކުރުމަށް ނިންމާފައިވާތީ، އެކަމަށް ޝުކުރު އަދާކުރި ކަމަށެވެ. އަދި ރައީސް މުޢިއްޒުގެ ސަރުކާރުން އިންޑިއާއާމެދު ގެންގުޅޭ ސިޔާސަތު "އިންޑިއާ އައުޓް" އިން "ވެލްކަމް އިންޑިއާ" އަށް ބަދަލުކުރި ކަމަށް އެމްޑީޕީން މަރުޙަބާ ކިޔާ ކަމަށް ވެސް ބުނެފައިވެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި އިންޑިއާއާއެކު ވަރަށް ގާތް ގުޅުމެއް އޮތެވެ. އޭރު އިންޑިއާގެ އެހީގައި ބޮޑެތި މަޝްރޫޢުތަކެއް ހިންގާފައިވާއިރު، ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ބަޖެޓަށް އެހީތެރިކަން ވެސް އިންޑިއާއިން ފޯރުކޮށްދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.