ރާއްޖެއަށް ގާނޫނާ ޚިލާފަށް އެތެރެވެގެން އުޅޭ ބިދޭސީންނަކީ އެންމެ އަހަރެއްގެ ތެރޭގައި ރާއްޖެއައިސްފައިވާ މީހުން ނޫންކަމަށާއި، އެމީހުން ރާއްޖޭގައި ފޮނުވާލުމުގެ މަސައްކަތް މިހާރަށްވުރެ އޯގާތެރިކަމާއެކު ކުރެވެން ޖެހޭނެ ކަމުގައި ކުރީގެ ރައީސް ޔާމިން ވިދާޅުވެއްޖެއެވެ.
ރޭ ޕީއެންއެފްގެ ފްރޮންޓް އޮފީސް ޖަގަހާގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ރާއްޖެއަންނަ ބިދޭސީން އަންނީ ބަންގްލާދޭޝް ކޮޅުންވެސް އޭޖެންޓުންނަށާއި، އަދި ރާއްޖޭގެ އޭޖެންޓުންނަށްވެސް ފައިސާގެ ގޮތުގައި އެތައްހާސް ޑޮލަރެއް ދައްކާފަ ކަމަށާއި، އެމީހުން ގާނޫނާ ޚިލާފަށް އެތެރެ ކުރުމުގައި ގާނޫނާއި ޚިލާފްވެފައި ތިބި އެހެން ބަޔަކު އެބަތިބި ކަމަށެވެ.
ރައީސް ޔާމިން ވިދާޅުވީ، ބިދޭސީން ރާއްޖެއިން ފޮނުވާލާއިރު، ރާއްޖެއާއި ބަންގްލަދޭޝްއާއި ދެމެދު އޮތް ގުޅުމަށް މި މަސައްކަތުގެ އަސަރު ކޮށްފާނެ ގޮތްތަކަށްވެސް ބަލަންޖެހޭ ކަމުގައެވެ. އަދި ފެނުގެ ކާރިސާ ރާއްޖެއަށް ދިމާވީމަ އެންމެ ވަރުގަދައަށް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިން ގައުމަކީ ބަންގްލާދޭޝްކަން ފާހަގަ ކުރައްވަމުން ރައީސް ޔާމިން ވިދާޅުވީ އެކުވެރިން ގައުމަކުން ރާއްޖެއަށް އަންނަ ބިދޭސީން ރާއްޖެ ގެނައުމުގައި ގާނޫނާއި ޚިލާފް ވެފައިވަނީ އެމީހުން ރާއްޖެ ގެންނަ މީހުން ކަމުގައެވެ.
އެހެންނަމަވެސް، ގާނޫނާ ޚިލާފަށް އުޅޭ މީހުން ފޮނުވާލަން ޖެހުނު ނަމަވެސް، މުޅި ދިރިއުޅުން ރަހުނު ކޮށްފަ ރާއްޖެއަންނަ ބިދޭސީ މީހުން ރާއްޖެއިން ފޮނުވާލާއިރު، މުއްދަތަކަށް ބަހާލައިގެން އެމީހުން ފޮނުވާލުމުގެ މަސައްކަތް ކޮށް، އެކަން މިއަށްވުރެ އިހުސާންތެރިކަމާއެކު އެކަން ކުރަންޖެހޭ ކަމުގައިވެސް ރައީސް ޔާމިން ވިދާޅުވިއެވެ.
ރައީސް ޔާމިން ވިދާޅުވީ، ބަންގްލާދޭޝް މީހުން ރާއްޖެއިން ފޮނުވާލަމުންދާއިރު، އިންޑިއާ މީހުންވެސް ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާކަމަށާއި، އެހެންނަމަވެސް ގަވާއިދާ ޚިލާފަށް އުޅެމުންދާ އިންޑިއާ މީހުން ފޮނުވާލުމުގެ ހަކަތައެއް ނެތްކަމުގައެވެ.
ކޮމެންޓު ފޮނުވާ