ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް ފަށައިފި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް ފަށައިފި

ގުޅުންހުރި

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ މާލެ ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި މި ޚިދުމަތް ފެށި ފުރަތަމަ ފަހަރެވެ. މި ޚިދުމަތް ދެމުން ގެންދާނީ އައިޖީއެމްއެޗްގެ އެހީތެރިކަމާއެކުގައެވެ.

ރާއްޖޭގެ ސިއްޙީ ނިޒާމު ވަރުގަދަކޮށް، ރަށްރަށުން ލިބެންހުރި ޚިދުމަތްތައް އިތުރުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ. އުތުރުގެ ރައްޔިތުން ސިއްޙީ ޚިދުމަތް ހޯދުމަށް އެންމެ ބޮޑަށް ބަރޯސާވާ ހޮސްޕިޓަލަކީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލެވެ. އެ ތަނުގައި އައު ޚިދުމަތްތައް ފެށުމަށް ހޮސްޕިޓަލުގެ އިސްވެރިން ކުރަމުންދާ މަސައްކަތުގެ ދަށުން ބުރާސްފަތި ދުވަހު ޕްލާސްޓިކް ސަރޖަރީގެ ޚިދުމަތް ވަނީ ފަށާފައެވެ.

މި ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމާއި، އައިޖީއެމްއެޗް އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޚިދުމަތް ފެށުމާއެކު، އަލިފާނުގެ ޙާދިސާތަކުގައި ސިފަ ގެއްލޭވަރަށް ފިހުމާއި އެހެނިހެން އަނިޔާތަކުގައި ލިބޭ ހާނިއްކައިގެ ސަބަބުން ނުފިލާ ހުންނަ ލަކުނުތަކާއި ފާރުގަނޑުތައް ރަނގަޅުކުރުމުގެ ފަރުވާ އެ ހޮސްޕިޓަލުން ލިބެން ފަށައިފިއެވެ.

މި ޚިދުމަތް ދިނުމުގައި އިސްކޮށް އުޅުއްވާނީ އައިޖީއެމްއެޗްގެ އެކްޓިންގ މެޑިކަލް ޑިރެކްޓަރ، ޑިޕާޓްމަންޓް އޮފް ސަރޖަރީގެ ހެޑް އަދި ޕްލާސްޓިކް ސަރޖަރީގެ ފުރަތަމަ ސަބް ސްޕެޝަލިސްޓް ޑރ. މުޙައްމަދު ވަޙީދެވެ. ޑރ. ވަޙީދުވަނީ އެ ހޮސްޕިޓަލަށް ވޫންޑް ކެއަރ އަދި ލެޕްރޮސްކޯޕިކް ސަރޖަރީ ތަޢާރަފްކުރެއްވުމުގައިވެސް މުހިންމު ދައުރެއް އަދާކުރައްވާފައެވެ.

އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މި ޚިދުމަތް ފެށުމާއެކު އުތުރުގެ ރަށްތަކުން މި ފަދަ ފަރުވާ ހޯދުމަށް މާލެއަށް ކުރަންޖެހުނު ދަތުރުތައް ނިމުމަކަށް އައިސްފައިވާ ކަމަށެވެ. އަދި މި ޚިދުމަތް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިހާރު މި ޚިދުމަތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އައުޓްރީޗް ޕްރޮގްރާމެއްގެ ގޮތުގައެވެ. ނަމަވެސް، ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް ދިނުމަށްޓަކައި އެ ދާއިރާ ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ