ޖައިޝަންކަރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

ޖައިޝަންކަރު މާދަމާ ރާއްޖެ ވަޑައިގަންނަވަނީ

Author
ޙަސަން މުޙައްމަދު
08 އޮގަސްޓް 2024 04:25
0

އިންޑިއާގެ ޚާރިޖީ ވަޒީރު ސުބްރަމަނިއަމް ޖައިޝަންކަރު، ރަސްމީ ދަތުރުފުޅެއްގައި މާދަމާ ދިވެހިރާއްޖެއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ދަތުރުފުޅުގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދެވޭނެއެވެ. އަދި ޖައިޝަންކަރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި ޚާރިޖީ ވަޒީރު މޫސާ ޒަމީރާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެއެވެ.

މީގެއިތުރުން، އިންޑިއާގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށްދާ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން ތިލަފުށި-މާލެ ގުޅާލާ ބްރިޖާއި އައްޑޫ ސިޓީގެ މަގުތަކުގެ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލައްވާނެއެވެ. ޖައިޝަންކަރު ވަޑައިގަންނަވާނީ އިންޑިއާ ސަރުކާރުން ޚާއްޞަކޮށްފައިވާ މަތިންދާ ބޯޓެއްގައެވެ. މިއީ އޭނާ ދިވެހިރާއްޖެއަށް ކުރައްވާ ހަތަރުވަނަ ދަތުރުފުޅެވެ.

ޖައިޝަންކަރު އެންމެ ގިނައިން ދިވެހިރާއްޖެއަށް ވަޑައިގެންފައިވަނީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައެވެ. އޭރުވެސް އޭނާގެ ބައެއް ދަތުރުފުޅުތަކުގައި އައްޑޫ ސިޓީއަށްވެސް ވަޑައިގެންފައިވެއެވެ. މި ފަހަރުގެ ދަތުރުފުޅު ނިންމަވާލައްވާނީވެސް އައްޑޫ ސިޓީންނެވެ.

މިދިޔަ ޖޫން 9 ވަނަ ދުވަހު އިންޑިއާގެ ޚާރިޖީ ވަޒީރުކަމުގެ މަޤާމާ ދެވަނަ ދައުރަކަށް ހުވާކުރެއްވުމަށްފަހު، ޖައިޝަންކަރު ވަނީ އަވައްޓެރި ބައެއް ޤައުމުތަކަށް ޒިޔާރަތްކުރައްވާފައެވެ. މީގެ ތެރޭގައި ބަންގްލަދޭޝްއާއި މޮރިޝަސް ފަދަ ޤައުމުތައް ހިމެނެއެވެ.

ފާއިތުވި ދުވަސްތަކުގައި، ޚާރިޖީ ވަޒީރު ޒަމީރު ވެސް ވަނީ އިންޑިއާއަށް ވަޑައިގެން ޖައިޝަންކަރާ ބައްދަލުކުރައްވާފައެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުޢިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ޖައިޝަންކަރާއި މޯދީއާ ބައްދަލުކުރެއްވިއެވެ.

ނޮވެންބަރު 17، 2023 ގައި ރައީސް ޑރ. މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މޯދީއަށް ދަޢުވަތު އެރުވުނު ނަމަވެސް، އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތީ އިންޑިއާގެ ބިމާއި ސައިންސް ވަޒީރު ކިރެން ރިޖިޖޫއެވެ. މޯދީއަށް ވަޑައިނުގެންނެވުނީ އިންޑިއާގައި އޮތް އެހެން ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަން ޖެހިވަޑައިގަތުމުންކަމަށް ބެލެވެއެވެ.

އެހެންކަމުން، މިއީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާގެ އިސް ފެންވަރުގެ ބޭފުޅަކު ދިވެހިރާއްޖެއަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.