މުވައްޒަފުން ވަޒީފާއިން ވަކިކުރާ މައްސަލައިގައި އެމްޑީޕީ ސީދާ ހަރަކާތަށް ނިކުތުމަށް ނިންމައިފިއެވެ.
މި ސަރުކާރުން ގިނަ އަދަދެއްގެ މުވައްޒަފުން ނުހައްގުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ، ސީދާ ހަރަކާތަށް ނިކުންނަން ޖެހިއްޖެނަމަ އެކަން ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ނިންމައިފިއެވެ.
އެމްޑީޕީގެ އޮފީހުގައި ރޭ ބޭއްވުނު ގައުމީ މަޖިލީހުގެ ޖަލްސާގައި، ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ހުށަހެޅުއްވި ގަރާރު، ޖަލްސާގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ.
އަންވަރު ހުށަހެޅުއްވި ގަރާރުގައި ބަޔާންކޮށްފައިވަނީ، އެއްވެސް އިމެއް އަދި އިންސާފެއް ނެތި ސަރުކާރުން މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށެވެ. އެމްޑީޕީން މިކަމާމެދު ކަންބޮޑުވާކަން ފާހަގަކޮށް، މި މަންޒަރު ބަލަން ނުތިބެ، ވަޒީފާއިން ވަކިކުރެވޭ މީހުންނަށް އިންސާފު ހޯދައިދިނުމަށް ސީދާ ހަރަކާތަށް ނުކުންނަން ޖެހިއްޖެނަމަ އެކަންވެސް އެ ޕާޓީން ކުރާނެކަމަށް ގަރާރުގައި ބުނެފައިވެއެވެ.
މި ގަރާރާ ގުޅޭގޮތުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވީ، ކޮންމެ ދިވެއްސަކަށް ލިބޭ ގެއްލުމަކީ އެ ޕާޓީން އެކަމާމެދު ކަންބޮޑުވާނެ އަދި އަޑުއުފުލާނެ ކަމެއްކަމަށެވެ. މިހާރު ވަޒީފާއިން މީހުން ވަކިކުރަމުންދާ މައްސަލައަކީ އެކަމާ ދެކޮޅަށް އަޑުއުފުލައި އިހުތިޖާޖުކުރަންޖެހޭ ކަމެއް ކަމުގައިވާނަމަ، އެ ޕާޓީން އެކަމުގައި އަޑުއުފުލައި އިހުތިޖާޖުކުރުމަށް ފަސްނުޖެހޭނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ވަނީ ވަޒީފާއިން މީހުން ވަކިކުރާ މައްސަލަ ދިރާސާކުރުމަށް ކޮމިޓީއެއް އެކުލަވާލުމަށްވެސް ފާސްކޮށްފައެވެ. މި ކޮމިޓީގައި ހިމެނެނީ:
– ޕާޓީގެ ނައިބު ރައީސް ހިސާން ހުސައިން
– ލީގަލް ޑިރެކްޓަރ މަހުފޫޒު ސައީދު
– ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރު
– އަލިފުށީ ދާއިރާގެ ރައީސް މުހައްމަދު ރަޝީދު (ބިގޭ)
– ކުޑަހުވަދޫ ދާއިރާގެ ރައީސް ޝާކިރު އަބްދުއްރަހުމާން
ކޮމެންޓު ފޮނުވާ