ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ގެނެވުނު އިސްލާހު ތަސްދީޤު ކުރައްވައިފި

ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ގެނެވުނު އިސްލާހު ތަސްދީޤު ކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
24 ޑިސެމްބަރ 2020 04:33
0

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އެއްވަނަ އިޞްލާޙު ގެނައުމުގެ ބިލު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

މިއަދު ތަޞްދީޤު ކުރެއްވި މި ބިލުން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް ވަނީ ވަރަށް ގިނަ އިޞްލާޙުތަކެއް ގެނެސްފައެވެ. އެ ގޮތުން މި ބިލު ރައީސުލްޖުމްހުރިއްޔާ ތަޞްދިޤު ކުރެއްވުމާ ގުޅިގެން މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ކުޑަކުދިން ކުރާ ޖިނާޢީ ކުށުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިދީފައި ވަނީ ޖުވެނައިލް ކޯޓަށެވެ. ހަމަ އެއާއެކު، މި އިޞްލާޙުގެ ދަށުން ޝަރީޢަތުން މައްސަލަ ބަލައި ފިޔަވަޅު އަޅާ ޙާލަތުގައި ޕްރޮބޭޝަންގައި ދޫކުރެވޭ ކުދިން މޮނިޓަރކުރުމާއި އެ ކުދިން ޕްރޮބޭޝަންގެ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބަލައި، އެކަންކަމުގެ މަޢުލޫމާތުތައް އެއްކޮށް އެ މަޢުލޫމާތުތައް ޝަރީޢަތަށް ފޯރުކޮށްދޭނީ ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނެވެ.

މީގެ އިތުރުން، ޕްރޮބޭޝަންގައި ތިބޭ ކުދިން މޮނިޓަރކުރުމުގައި ދައުލަތުގެ ކަމާބެހޭ ތަންފީޛީ އިދާރާތަކުގެ އެހީތެރިކަން ޖުވެނައިލް ކޯޓުގެ ޕްރޮބޭޝަން އޮފިސަރުންނަށް ލިބިދޭންޖެހޭނެއެވެ. އަދި، މި ޤާނޫނަށް ގެނައި އިޞްލާހުގެ ދަށުން ދަޢުވާ އުފުލުމާމެދު ގޮތެއް ނިންމުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް ބަޔާންކުރާ ޤަވާޢިދެއް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލަންވާނެ ކަމަށް ވެސް މި ޤާނޫނަށް ގެނައި އިޞްލާޙުގައިވެއެވެ. މީގެ އިތުރުން ވެސް މި ޤާނޫނު އިތުރަށް ފުރިހަމަ ކުރުމަށް ވަނީ މުހިންމު ގިނަ އިޞްލާޙްތަކެއް ގެނެސްފައެވެ.

މި ބިލު ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މިއަދު މި ޤާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ. އަދި، މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ. މި ބިލަކީ ޑިސެންބަރު މަހުގެ 7 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.