ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން އައްޑޫއަށް ފުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދިންގޮތުގައި، ރޭ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން 30 އަހަރުގެ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މި އަންހެން މީހާ ހަށިގަނޑުގައި މަސްތުވާތަކެތި ފޮރުވައިގެން، އައްޑޫ ސިޓީއަށް ދަތުރުކުރަން އުޅެނިކޮށް ހައްޔަރުކުރެވުނީ މޫނުބުރުގާ އަޅައިގެން ހުއްޓައެވެ.
ފުލުހުން މި މައްސަލައިގެ އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.
ބައެއް މީޑިއާތަކަށް މި މައްސަލައާ ގުޅޭގޮތުން، ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނަރ އަޙްމަދު ޝިފާން މަޢުލޫމާތު ދެއްވިގޮތުގައި، އަންހެން މީހާގެ އަތުން ފެނިފައިވަނީ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ދެ ޕެކެޓެވެ. ކޮންމެ ޕެކެޓެއްގައިވެސް 100 ގްރާމަށްވުރެ ގިނަ މިންވަރެއްގެ މަސްތުވާތަކެތި ހުރި ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ. އަދި އަންހެން މީހާގެ ބަންދާމެދު ކޯޓުން ވަކިގޮތެއް ނިންމާފައެއް ނުވެއެވެ.