ގަތުލުއާންމު ހުއްޓާލާ، އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނުތަކަށް ތަބާވުމަށް ޒަމީރު ގޮވާލައްވައިފި

ގަތުލުއާންމު ހުއްޓާލާ، އިސްރާއީލުން ބައިނަލްއަގްވާމީ ގާނޫނުތަކަށް ތަބާވުމަށް ޒަމީރު ގޮވާލައްވައިފި

Author
ހުސައިން
08 އޮގަސްޓް 2024 11:05
0

ފަލަސްތީނުގައި ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ވަގުތުން ހުއްޓާލުމަށާއި، ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކުރުމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު  އިޒްރޭލަށް ގޮވާލައްވާއިފިއެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ސަޢޫދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވި މިނިސްޓަރުންގެ ފެންވަރުގެ ޚާއްޞަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރު ޒަމީރު ވަނީ ޣައްޒާގެ ހާލަތު ގޯސްވަމުންދާ މިންވަރު ފާހަގަކުރައްވައި، ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އަނިޔާވެރި ޢަމަލުތައް ކުށްވެރިކުރައްވާފައެވެ.

މިނިސްޓަރު ޒަމީރު ވަނީ ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢު އެއްބައިވެ، ހުރިހާ ޤައުމުތަކަށް ހަމަހަމައަށް ޤާނޫނު ތަންފީޒުކުރުމަށް ގޮވާލައްވާފައެވެ.

އަދި މި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނަށް އެކަށީގެންވާ އެހީތެރިކަން ނުލިބޭ ކަމަށާއި، މިކަމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން އެންމެ އިސްކަންދޭންޖެހޭ ކަމަށެވެ. އަދި ފަލަސްތީނަށް ދެމުންދާ އެހީ ލިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މީގެއިތުރުން، މިނިސްޓަރު ޒަމީރު ވިދާޅުވީ ފަލަސްތީނަށް ފުރިހަމަ މިނިވަންކަން ލިބޭނީ އިޒްރޭލުގެ އަތްދަށުން ފަލަސްތީން މިނިވަންކޮށްގެން ކަމަށެވެ. އަދި 1967 ގެ ކުރީގެ ސަރަޙައްދުތަކާއެކު، އިރުމަތީ ޤުދުސް ފަލަސްތީނުގެ ވެރިރަށްކަމުގައި ހަމަޖައްސައި، ފަލަސްތީން މިނިވަން ދައުލަތެއްގެ ގޮތުގައި ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

ބައްދަލުވުމުގައި މިނިސްޓަރު ޒަމީރު ވަނީ ޙަމާސްގެ ލީޑަރު އިސްމާޢީލް ހަނިއްޔާގެ އަވަހާރަކޮށްލުން ވެސް ކުށްވެރިކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.