ހުޅުމާލޭގެ ބިދޭސީން ހިންގާ ކޮފީ ފިހާރަތަކަށް އަމާޒުކޮށް ހިންގި ރެއިޑްގައި 4 ބިދޭސީއެއް ހައްޔަރުކޮށްފިއެވެ.
ހުޅުމާލޭގައި ބިދޭސީން ހިންގަމުންދާ ކޮފީ އަދި ޓޭކްއަވޭ ފިހާރަތަކަށް އަމާޒުކޮށް އިއްޔެ ހަވީރު އިމިގްރޭޝަން އޮތޯރިޓީން ހިންގި ޚާއްސަ ރެއިޑެއްގައި، ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 4 ބިދޭސީއެއް ވަނީ ހައްޔަރުކޮށްފައެވެ.
މި ރެއިޑްގެ ތެރޭގައި ޖުމްލަ 7 ފިހާރައެއް ބަލައި ފާސްކުރެވުނު ކަމަށް އިމިގްރޭޝަން އޮތޯރިޓީން މަޢުލޫމާތު ދީފައިވެއެވެ. މި ރެއިޑަކީ ބިދޭސީން ގަވާއިދާ ޚިލާފަށް ވަޒީފާ އަދާކުރަމުންދާ ތަންތަން ހޯދުމަށް ކުރިއަށްގެންދާ ޚާއްސަ އޮޕަރޭޝަނެއްގެ ބައެއްގެ ގޮތުގައި ހިންގުނު ރެއިޑެކެވެ.
ހައްޔަރުކުރެވުނު 4 ބިދޭސީން މިހާރު ވަނީ އިމިގްރޭޝަން އޮތޯރިޓީގެ ބެލުމުގެ ދަށަށް ގެނެވިފައެވެ. މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޮތޯރިޓީން ބުނެފައިވެއެވެ.
އިމިގްރޭޝަންއިން މީގެކުރިން ބުނެފައިވަނީ، މިފަދަ ރެއިޑްތައް ކުރިއަށް ގެންދިއުމަކީ ގަވާއިދާ އެއްގޮތަށް ބިދޭސީން ވަޒީފާ އަދާކުރަމުންދޭތޯ ކަށަވަރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށާއި މިފަދަ ޙަރަކާތްތައް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށް ގެންދާނެ ކަމުގައެވެ.
ގަވާއިދާ ޚިލާފަށް ބިދޭސީން ވަޒީފާ އަދާކުރުމަކީ ރާއްޖޭގައި ދިމާވެފައިވާ ބޮޑު މައްސަލައެއްކަން ފާހަގަކޮށްލެވެއެވެ. މިކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށާއި ވަޒީފާގެ ބާޒާރަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ