ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ މަސް ބަންދުކުރާ ފެސިލިޓީއެއް އެޅުމަށް ނިންމައިފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަ މަސް ބަންދުކުރާ ފެސިލިޓީއެއް އެޅުމަށް ނިންމައިފި

Author
ޙަސަން މުޙައްމަދު
07 އޮގަސްޓް 2024 01:41
0

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްޞަކޮށް، އެހެން ވިޔަފާރިއެއް މެދުވެރިނުކޮށް މަސް އެކްސްޕޯޓުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ކުޑަ ޕެކިންގ ފެސިލިޓީއެއް އެޅުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ނިންމައިފިއެވެ.

އެ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް ޑރ. ހުސެއިން ސިނާން ވިދާޅުވިގޮތުގައި، މި ފެސިލިޓީ އެޅުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން މިހާރު ފައިސާ ހަމަޖެހިފައިވެއެވެ. ހުޅުމާލޭގައި އަޅަން ނިންމާފައިވާ މި ފެސިލިޓީގެ އޮޕަރޭޝަންތައް ހިންގާނެ ގޮތްތައް ދެނެގަތުމަށް މިފްކޯއާއެކު މަޝްވަރާކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާތްގަނޑަކަށް 100 ނުވަތަ 200 ކިލޯ އެކްސްޕޯޓުކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު އެ ފުރުޞަތު ނެތް. އެފަދަ ކުޑަ ޕެކިންގ ފެސިލިޓީއެއް ޤާއިމްކުރުމުގެ މަސައްކަތް މިފްކޯއާ ގުޅިގެން އަޅުގަނޑުމެން މިދަނީ ކުރަމުން. ހުރިހާ ބާވަތެއްގެ މަސްވެރިކަމަށް ވެސް ޙައްލެއް ހޯދުމަށް މަސައްކަތްކުރަމުން މިދަނީ،" ޑރ. ސިނާން ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވެސް ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މަސް އެކްސްޕޯޓުކުރުމަށް އޮތް ފުރުޞަތު ހަނިކަން ފާހަގަކުރައްވާފައެވެ. ހުޅުމާލޭގައި އަޅާ ފެސިލިޓީއަކީ މި ފުރުޞަތު ފުޅާކޮށް ފަހިކޮށްދިނުމަށް އަޅާ ފެސިލިޓީއެއްކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ޗައިނާގެ ޑޮންފޮން އިލެކްޓްރޯނިކް ކުންފުންޏާ ގުޅިގެން މިހާރު ވެސް ރާއްޖޭގެ ތިން ސަރަހައްދެއްގައި (ގދ. ފިޔޯރީ، ފ. ނިލަންދޫ އަދި ފެލިވަރު) މަސް ބަންދުކޮށް ޕްރޮސެސްކުރުމުގެ ފެކްޓަރީތަކުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.