މާލޭގެ މަޖީދީމަގުގައި ހުންނަ ޒިކުރާ މިސްކިތުގެ ބިމުގައި ޒަމާނީ ބޮޑު މިސްކިތެއް ބިނާކުރުމުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިރޭ އޮންނާނެކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބިންގާ އެޅުން އޮންނާނީ މިރޭ 9:30 ގައި ކަމަށާއި، މިހާރު އެތަނުގައި ހުރި ވަގުތީ މިސްކިތް ރޯދަމަހުގެ ފަހުން ތަޅާލާނެ ކަމަށެވެ. ހެޔޮއެދޭ ފަރާތެއްގެ އެހީގައި ފަންޑުކޮށްގެން އިމާރާތްކުރާ މި އާ މިސްކިތަކީ ތިން ބުރީގެ ބިނާއެކެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ފަސޭހައިން އަރައިފޭބުމަށް ޚާއްޞަ ލިފްޓެއްވެސް މިތަނުގައި ބަހައްޓާނެކަމަށާއި، އަމާޒަކީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލުން ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޒިކުރާ މިސްކިތް ހުރި ބިމުގައި މިހާރު ބޭނުންކުރަމުންދާ ވަގުތީ މިސްކިތް ހުޅުވާފައިވަނީ 2021 ވަނަ އަހަރުއެވެ. އޭގެ ކުރިން 2018 ވަނަ އަހަރު، ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުގައި އެތަނުގައި 10 ބުރީގެ "ދާރުލް ޒިކުރާ" އިމާރާތެއް އެޅުމަށް 130 މިލިއަން ރުފިޔާއަށް އެސްޖޭ ކުންފުންޏާ ހަވާލުކުރިއެވެ. ނަމަވެސް މަސައްކަތް ނުހިނގާ ދިގުލައިގެން ދިއުމުގެ ސަބަބުން އެއްބަސްވުން ބާތިލުކޮށް، ކޯޓު މަރުޙަލާއިން މައްސަލަ ނިމުނީ އެސްޖޭގެ ޚަރަދުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މިސްކިތެއް އެޅުމަށެވެ. އެހެންނަމަވެސް، އެ މިސްކިތުގެ މަސައްކަތް ފެށިތާ ދެ އަހަރު ވެފައިވާއިރުވެސް އެތަން އަދި ނިމުމަކާ ގާތްވެފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ