ކައުންސިލްތަކުގެ ބައި-އިލެކްޝަން އަހަރަކު ދެފަހަރު ބޭއްވުމަށް ގާނޫނު ގެންނަ އިޞްލާޙު ފާސްކޮށްފި

ކައުންސިލްތަކުގެ ބައި-އިލެކްޝަން އަހަރަކު ދެފަހަރު ބޭއްވުމަށް ގާނޫނު ގެންނަ އިޞްލާޙު ފާސްކޮށްފި

Author
ހުސައިން
07 އޮގަސްޓް 2024 01:32
0

ލޯކަލް ކައުންސިލްތަކުގެ ބައި-އިލެކްޝަންތައް އަހަރަކު ދެފަހަރު ބޭއްވޭގޮތަށް ގާނޫނަށް ގެނެވުނު އިޞްލާޙު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި އިޞްލާޙު އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ގާނޫނަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިސްދޫ ދާއިރާގެ މެންބަރު އިސްމާޢީލް ޝަފީޢުއެވެ.

މި އިޞްލާޙު ލާމަރުކަޒީ ކޮމިޓީން ދިރާސާކުރުމަށްފަހު މިއަދުގެ މަޖިލިސް ޖަލްސާގައި ވޯޓަށް އެހުމުން، ވޯޓުގައި ބައިވެރިވި 74 މެންބަރުންގެ ތެރެއިން 67 މެންބަރުން ވަނީ ފާސްކުރުމަށް ތާއީދުކުރައްވާފައެވެ. 7 މެންބަރުން ވަނީ ބިލާ ދެކޮޅަށް ވޯޓުދެއްވާފައެވެ.

މި އިޞްލާޙުގެ ދަށުން، ކައުންސިލްގެ ގޮނޑިއެއް ހުސްވާތާ 183 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބޭއްވޭގޮތަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ކައުންސިލެއްގެ ނުވަތަ ކޮމިޓީއެއްގެ ގާނޫނީ އަދަދު ހަމަނުވާ ހާލަތެއްގައި 60 ދުވަހުގެ ތެރޭގައި ބައި-އިލެކްޝަން ބާއްވަންޖެހޭނެއެވެ.

މީގެއިތުރުން، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ގެންނަންޖެހޭ އިޞްލާޙެއް ކާށިދޫ ދާއިރާގެ މެންބަރު މުންތަޒިމް އިބްރާހިމް ހުށަހަޅުއްވައި، އެ އިޞްލާޙު ވެސް މިއަދުގެ ޖަލްސާގައި ފާސްކުރެވުނެވެ. މި އިޞްލާޙުގެ ދަށުން، ބައި-އިލެކްޝަންތައް އަހަރަކު ދެފަހަރު ބާއްވަންޖެހޭނެ ކަމަށާއި، ދެ ބައި-އިލެކްޝަނުގެ ދެމެދުގައި 183 ދުވަހަށްވުރެ ދިގު އަދި 120 ދުވަހަށްވުރެ ކުރު މުއްދަތެއް ފާއިތުވެގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މި އިޞްލާޙުތައް ގެނައުމުގެ މައިގަނޑު ބޭނުމަކީ ތަކުރާރުކޮށް ބައި-އިލެކްޝަންތައް ބޭއްވުމުގެ ސަބަބުން ކުރިމަތިވަމުންދާ ޚަރަދުތައް ކުޑަކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.