ޤާނޫނުއަސާސީ ފަސޭހައިން ބަދަލުކުރެވޭގޮތަށް އޮތުމަކީ ޤައުމަށް ރައްކާތެރިކަމެއް ނޫން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިހާރުގެ ޤާނޫނުއަސާސީއަށް 16 އަހަރު ފުރުމާ ގުޅިގެން މިއަދު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން، ޤާސިމް ފާހަގަކުރެއްވީ މި ޤާނޫނުއަސާސީން ދިވެހިންނަށް ކުރިން ނުލިބޭ މިންވަރަށް ޙައްޤުތަކާއި މިނިވަންކަން ލިބިދީފައިވާ ކަމަށެވެ. އެހެންނަމަވެސް، ޤާނޫނުއަސާސީއަށް މިހާތަނަށް ގެނެވުނު ދެ އިޞްލާޙު ގެނެވިފައިވަނީ މާ ފަސޭހައިން ކަމަށާއި، އެއީ އެކަން ވާންވާނެ ގޮތް ނޫން ކަމަށް ގާސިމް ވިދާޅުވިއެވެ.
ޤާސިމް ވިދާޅުވި ގޮތުގައި، މަޖިލީހުގެ 75 ޕަސެންޓް މެޖޯރިޓީ އޮންނަ ޕާޓީއަކަށް ޤާނޫނުއަސާސީ ފަސޭހައިން ބަދަލުކުރެވޭ ގޮތަށް އޮތުމުން ނޭދެވޭ ނަތީޖާތަކެއް ނުކުމެދާނެއެވެ. އެހެންކަމުން، ޤާނޫނުއަސާސީއަށް ފަސޭހައިން ބަދަލު ނުގެނެވޭނެ ނިޒާމެއް އޮތުމުގެ މުހިންމުކަން، ޤާނޫނުއަސާސީ އެކުލަވާލި ޚާއްޞަ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޤާސިމް ފާހަގަކުރެއްވިއެވެ.
"ބައެއް މީހުންގެ ވިސްނުމަށް އަންނަ ޚިޔާލަކާ ގުޅިގެން އަސާސީ ޙައްޤުތަކަށް ނުވަތަ އިސްލާމްދީނާ ގުޅޭ 9 ވަނަ އަދި 10 ވަނަ މާއްދާއަށް ވެސް ބަދަލު ގެނެވިދާނެތީ އަޅުގަނޑު ކަންބޮޑުވޭ،" ޤާސިމް ވިދާޅުވިއެވެ.
ގާސިމްވަނީ މިހާރުގެ "ފެހި ޤާނޫނުއަސާސީ" ތަޞްދީޤުކުރެއްވި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށްވެސް މިއަދުގެ ޖަލްސާގައު ޝުކުރު އަދާކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ