މާލޭގައި ބަނގުރަލާއެކު ހައްޔަރުކުރެވުނު ބިދޭސީއަކަށް 15 ދުވަހުގެ ބަންދު އަމުރެއް ނެރެފިއެވެ. ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ، 33 އަހަރުގެ ސޯހިދުލް އިސްލާމް ހައްޔަރުކުރެވުނީ 48 ދަޅު ބިޔަރާއި ބަނގުރާ ފުޅިއަކާއެކުގައެވެ.
ފުލުހުން މީޑިއާއަށް ދިން މަޢުލޫމާތުގައިވާ ގޮތުން، އޭނާ ހައްޔަރުކުރެވުނީ އާދީއްތަ ދުވަހުގެ ރޭ 22:00 ގައި ހުޅުމާލޭ އަމީން އެވެނިއު ސަރަހައްދުންނެވެ. މި މައްސަލަ މިހާރު ދަނީ ތަޙްޤީޤު ކުރެވެމުންނެވެ.
މީގެއިތުރުން، ވ. ބޮޑުމޮހޮރާއިން ތިން މީހަކު 24 ފުޅި ބަނގުރަލާއެކު ހައްޔަރުކުރެވިފައިވެއެވެ. މި ހައްޔަރުކުރުން ހިންގާފައިވަނީ ޑްރަގް އެންފޯސްމަންޓް، އިންޓެލިޖެންސް އަދި ވ. އަތޮޅު ފުލުހުން ގުޅިގެން، ރަށުގައި ބަނގުރާ ބޭނުންކުރާކަމުގެ މަޢުލޫމާތު ލިބުމާ ގުޅިގެންނެވެ.
މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންގެ އަދަދު ވަނީ ބޮޑުތަން އިތުރުވެފައެވެ. މިފަދަ މައްސަލަތައް މަދުކުރުމަށްޓަކައި، ފުލުހުން ވަނީ ފަހަކަށްއައިސް ހައްޔަރުކުރެވޭ މީހުންގެ މަޢުލޫމާތު ހާމަކުރަން ފަށާފައެވެ.
ކޮމެންޓު ފޮނުވާ