ސަރުކާރުގެ ބޯހިޔާވަހިކަމުގައި މަޝްރޫއުގެ ދަށުން ދޫކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ގަވައިދުން ފައިސާ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް ހައުސިން ޔުނިޓްތަކަށް ދައްކަންޖެހޭ ފައިސާ (އެސްޓިމޭޓެޑް މަންތްލީ އިންސްޓޯލްމަންޓް ނުވަތަ އީ.އެމް.އައި) ގެ 20 އިންސައްތަ މާފުކޮށްދީފައިވާ ކަމަށެވެ.
އަދި 1 ޖެނުއަރީ 2024 އިން ފެށިގެން މަހުން މަހަށް ދައްކަންޖެހޭ ފައިސާ ގަވައިދާ އެއްގޮަތަށް ދެއްކުމަށް ޔުނިޓްތަކުގެ ވެރިންނަށް އަންގާފައިވާ ކަމަށާއި ނަމަވެސް ގިނަ ފަރާތްތަކުން އަދިވެސް ފައިސާ ދައްކަމުން ނުދާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ވަނީ ގަވައިދުން ފައިސާ ދައްކަމުން ނުދާ ފަރާތްތަކާއި ޔުނިޓް ކަނޑައެޅިފައިވާ ބޭނުން ނޫން އެހެން ބޭނުންތަކަށް ބޭނުންކުރުމާއި، ގަވައިދާ ހިލާފަށް ތަނަށް ބަދަލު ގެނައުމާއި ކުއްޔަށް ދިނުމާއި ގުޅޭ ކަންކަން މިނިސްޓްރީން ބަލަމުންދާނެ ކަމަށް ބުނެފަ އެވެ. މިގޮތުން ގަވައިދާ ހިލާފަށް އަމަލުކުރަމުންދާ ފަރާތްތަކާއި މެދު އެއްބަސްވުމައި އެއްގޮތަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފައިވެ އެވެ.