ފާއިތުވެދިޔަ މަހު ސްޓެލްކޯއިން ދޫކުރި ބިލްތަކާ އަޅާ ބަލާއިރު، މިމަހު ދޫކުރި ބިލްތަކުގެ ތެރެއިން %94 ބިލް ކުޑަ ވެފައިވާ ކަމުގައި ސްޓެލްކޯ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނާއި މައުލުމާތު ހިއްސާކުރައްވަމުން ފަހުމީ ވިދާޅުވީ އެހެންނަމަވެސް ވެރިރަށް މާލެއަށް ބަލާއިރު އިންތިހާއަށް ބޮޑު %6 ބިލް އެބައުޅޭ ކަމަށާއި، އެއީ އޭގެ ތަފްސީލު ސްޓެލްކޯއަށްވެސް އަދި ކަސްޓަމަރުންނަށް ތަފްސީލު ބޭނުންވާ %6 ބިލް ކަމަށެވެ.
އަދި އޭނާ ވިދާޅުވީ ހުޅުމާލެއަށް ބަލާއިރު %15 ބިލަކީ ސްޓެލްކޯއަށްވެސް އަދި ކަސްޓަމަރުންނަށްވެސް ވެގެން އުޅޭ ގޮތެއް އެގެންޖެހޭ، އާދަޔާ ޚިލާފަށް ބޮޑު ބިލްތައްކަމަށް ފާހަގަ ކުރެވިފައިވާ ކަމުގައެވެ.
އެހެންވީމަ އަޅުގަޑުމެން މި ގަސްތުކުރީ އަޅުގަޑުމެންގެ ޓީމެއް ފޮނުވައިގެން މި އެޕާޓްމަންޓްތަކުން އަޅުގަޑުމެން ސްޓެޓިސްޓިކަލީ ފުރަތަމަ ބަލާނަން ކޮން ތަންތަނަކަށްތޯ ވިޒިޓް ކުރާނީ، ބިލް ބޮޑުވާން މިދެންނެވި ހުޅުމާލޭގެ %15 އަދި މާލޭގެ %6 ގޭބިސީތަކަށް އަޅުގަޑުމެން ވިޒިޓް ކުރަން މި ގަސްތު ކުރަނީ.
ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ އެ އެޕާޓްމަންޓްތަކަށް ވިޒިޓެއް ކުރުމަށްފަހު އެނާރޖީ އޮޑިޓެއް ކުރުމަށް ނިންމާފައިވާ ކަމަށާއި، އޭގެ ތެރޭގައި އެތަންތަނުގެ ހާލަތު ދެނެގަތުން ހިމެނޭ ކަމަށެވެ. އެގޮތުން އެތަންތަނުގައި ބޭނުންކުރަނީ ކޮންކަހަލަ އާލާތްތަކެއްތޯއާއި، އޭގެ ތެރޭގައި ބޭނުންކުރަނީ ކޮންކަހަލަ އެއަރކޮންޑިޝަންތަކެއްތޯއާއި އެޕާޓްމަންޓުގެ އިސްއުލޭޝަން ހުރިގޮތްވެސް ދެނެގަނެވޭނެކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ އެ އޮޑިޓަށްފަހު އެއްކުރެވޭ މައުލޫމާތު ކަސްޓަމަރުންނާއި ހިއްސާ ކުރެވޭނެ ކަމަށާއި، އޭގެ ސަބަބުން ޚަރަދު ކުޑަކުރުމަށް އަޅާންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަސްޓަމަރުންނަށްވެސް ފަސޭހަ ވެގެންދާނެ ކަމުގައެވެ.
ސްޓެލްކޯގެ ބިލްތައް ބޮޑުވާކަމުގެ ޝަކުވާ ކޮންމެ މަހަކުވެސް ކަސްޓަމަރުން ދަނީ ކުރަމުންނެވެ. އަދި ބިލްތައް ބޮޑުވުމުގެ ޝަކުވާތައް ބޮޑުވެސް، ފާއިތުވި މަސްތަކުގައި ރައީސް މުއިއްޒުގެ އެންގެވުމަށް ސްޓެލްކޯއިންވަނީ ބިލްތަކުން ޑިސްކައުންޓްވެސް ދީފައެވެ.