ދިވެހިރާއްޖޭގެ ފަޚުރުވެރި 59 އަހަރު ފުރޭ މިނިވަން ދުވަހުގެ މުނާސަބަތުގައި ސިފައިންގެ "މަގުމަތީ ހިނގާލުން" ބާއްވައިފިއެވެ.
މިއަދު ހަވީރު މާލޭގައި ބޭއްވި މަގުމަތީ ހިނގާލުން ޝަރަފުވެރިކޮށްދެއްވީ، ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ.މުޙައްމަދު މުޢިއްޒުއެވެ.
މިއަދު، މަގުމަތީ ހިނގާލުން ފަށާފައިވަނީ، ހަވީރު 16:15 ގައި ސިފައިންގެ މައިމަރުކަޒު ބަންޑާރަކޮށިން ލަޝްކަރު ނުކުމެ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ކުރިމައްޗަށް މަޑުކޮށް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ، ޑރ.މުޙައްމަދު މުޢިއްޒުއަށް ރިޕޯޓްކުރުމަށް ފަހުއެވެ. އަދި، ހިނގާލުމުގެ ލަޝްކަރު ވަނީ ޖުމްލަ ފަސް ތަނެއްގައި ހުއްޓައި، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅެފައެވެ. މި ހިނގާލުން ނިންމާލާފައި ވަނީ ކަޅުތުއްކަލާކޮށްޓަށެވެ.
މި ހިނގާލުން ބަލާލުމަށް މާލޭގެ މަގުތަކަށް ގިނަ ބަޔަކު ނިކުމެފައިވެއެވެ. ވަކިން ޚާއްސަކޮށް ގިނަ އަދަދެއްގެ ތުއްތުކުދިން މަގުތަކަށް ނިކުމެ، ވަނީ މި ހިނގާލުން ބަލާފައެވެ.
މާދަމާ (އޮގަސްޓް 3 ވަނަ ދުވަހު) ހުޅުމާލޭ ފޭސް 1 ގައި ބާއްވާ މަގުމަތީ ހިނގާލުން ފަށާނީ ހަވީރު 16:15 ގައި ހުޅުމާލޭ ކޯސްޓްގާޑް އުޅަނދުފަހަރު ބަނދަރުކުރާ ސަރަހައްދުންނެވެ. މި ހިނގާލުމުގައި ޖުމްލަ ތިން ތަނެއްގައި ލަޝްކަރު ހުއްޓުމަށް ހަމަޖެހިފައިވާއިރު، މިއިން ކޮންމެ ތަނެއްގައި މިލިޓަރީ ބޭންޑުގައި ރާގު ކުޅޭނެއެވެ. މާދަމާގެ ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަލާސީންކޮށްޓަށެވެ.
ކޮމެންޓު ފޮނުވާ