ކުރީ ސަރުކާރުގައި ފެނަކައިން ކުރަމުންއައި ގިނަ މަސައްކަތްތައް ހުރީ ހުއްޓިފައިކަމަށާއި ރަށްރަށުގައި އިންޖީނުގެތައް އެޅުމުމުގެ މަސައްކަތްތައް ކޮށްފައިވަނީ އެއްވެސް ޕްލޭނެއްނެތި ކަމަށް މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއި ވަޒީރު ތާރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިހެން ވިދާޅުވީ އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރު ތާރިގާ ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މެންބަރުން ވަނީ ކުރީ ސަރުކާރުން ފެނަކަ މެދުވެރިކޮށް ރަށްރަށުގައި އަޅަން ފަށާފައިވާ އިންޖީނުގެތަކާ ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ. އެގޮތުން ގިނަ ރަށްރަށުގެ އިންޖީނުގެތަކުގެ މަސައްކަތް ހުއްޓިފައި ހުރުމުން މެންބަރުން ވަނީ އެކަމާ ގުޅޭގޮތުން ސުވާލު ކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ތާރިގް ވިދާޅުވީ، ކުރީ ސަރުކާރުން ފެނަކަ އާ ހަވާލު ކޮށްގެން ގިނަ ރަށްރަށުގައި ކުރަން ފެށި ގިނަ މަސައްކަތްތައް ހުއްޓިފައި ހުރި ކަމަށެވެ. މިނިސްޓަރު ތާރިގް ވިދާޅުވީ ކުރީ ސަރުކާރުން ރަށްރަށުގެ އިންޖީޏުގެތަކުގެ މަސައްކަތް ކޮށްފައިވަނީ އިސްކަންދޭ ވަކި ތަރުތީބެއް ނެތި ކަމަށެވެ. އެހެންކަމުން ގިނަ މަސައްކަތްތައް ވަކި ހިސާބަކަށްގޮސް ހުއްޓިފައިހުރި ކަމަށާއި އައްޑޫ، ފުވައްމުލައް އަދި ކުޅުދުއްފުށީގެ އިންޖީނުގެތަކުގެ މަސައްކަތްތައްވެސް ހުއްޓިފައި ހުރިކަމަށް ވިދާޅުވި އެވެ. ފެނަކައިން ކުރިން އިންޖީނުގެ އެޅުމުގެ މަސައްކަތް ކުރަމުން ދިޔައީ ޕްލޭނެއް ނެތި ކަމަށާއި ރަނގަޅަށް މަސައްކަތް ކުރިނަމަ އެ މަސައްކަތްތައް މިއަދު ނިމިފައި ހުންނާނެ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރު ތާރިގް ވިދާޅުވީ އެންމެ ބޭނުންވާ ސަރަހައްދުތައް ބަލައިގެން މަސައްކަތްތައް ކުރިއަށްގެންދިއުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ.
އިންޖީނުގެތަކުގެ މަސައްކަތް ނުނިމި ހުއްޓިފައި ހުރި މައްސަލައިގައި ޒިންމާވާންޖެހޭނީ ކޮންފަރާތަކުންތޯ މެންބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ތާރިގް ވިދާޅުވީ މިހާރުގެ އެންވަޔަރަންމަންޓް މިނިސްޓަރުގެ ހައިސިއްޔަތުން އެކަމަށް ޒިންމާވާން ނުޖެހޭނެ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަނީ މިނިސްޓަރީގެ މެންޑޭޓްގެ ތެރޭގައި ހިމެނޭ ކުންފުނިތަކާ ބައްދަލުކޮށްގެން ކަމަށާއި އަދި އެކުންފުނިތަކަށް ސަރުކާރުގެ ޕޮލިސީ ޑައިރެކްޝަން ބަރާބަރަށް ދެމުންދާކަމަށް މިނިސްޓަރު ތާރިގް ވިދާޅުވި އެވެ.
ތާރިގް ވިދާޅުވީ ކުރީ މިނިސްޓަރު ކަންކުރިގޮތް އެނގިނުލައްވާ ކަމަށާއި، ގާތުން ކަންކަން ބެއްލެވިނަމަ ކުންފުނިތަކުގެ ހާލަތު މިހާރު އޮތްގޮތަށް ނޯންނާނެ ކަމަށެވެ. އަދި މިސަރުކާރުން މަސައްކަތް ކުރަނީ ކުންފުނިތަކަކީ ރަނގަޅަށް ޕާފޯމް ކުރާ ކުންފުނިތަކަށް ހެދުމަށް ކަމަށްވެސް ވިދާޅުވި އެވެ.