ކޮވިޑް-19 ގެ މެދުކެނޑުމަށް ފަހު ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން މާލެ ސަރަހައްދަށް ހުޅުވާލައިގެން ކުރިއަށްގެންދާ ބެޑްމިންޓަން މުބާރާތުގެ އިއްޔެ ހަވީރު ކުޅުނު މެޗުން ސީއެސް ސްޕޯޓްސް ކްލަބު މޮޅުވެއްޖެއެވެ.
ސީއެސް ސްޕޯޓްސް ކްލަބް މި މެޗް ކާމިޔާބު ކުރީ ދަ ގޯޅި ސްޕޯޓްސް ކްލަބާ ވާދަކޮށް ޓައިގައި ހިމެނޭ 7 މެޗްގެ ތެރެއިން 5 މެޗް ކާމިޔާބުކޮށްގެންނެވެ. ވާދަވެރި މެޗްތަކެއް ފެނިގެންދިޔަ މި ޓައިގައި ގޯޅި ސްޓްޕޯޓް ކްލަބުން ޓްރަޕް މެޗެއްގެ ގޮތުގައި ކަނޑައެޅީ ގައުމީ ބެޑް ޓީމްގެ ކުޅުންތެރިޔާ މައިސާ ފަތުހުﷲގެ ވިމެންސް ޑަބަލްސްއެވެ. މި މެޗް ސީދާ ދެ ސެޓުން ކާމިޔާބު ކުރީ މައިސާ ފަތުހުﷲ އެވެ.
ސީއެސް ސްޕޯޓްގެ ޓްރަޕް މެޗެއްގެ ގޮތުގައި ކަނޑައެޅީ ގައުމީ ބެޑްމިންޓަން ޗެމްޕިއަންޝިޕްތަކުގައި ޑަބްލްސްގެ ރަސްގެފާނުގެ ގޮތުގައި މިހާރު ބެލެވޭ ހަސަން އަފްޝީން ޝަހީމްގެ މެޗެވެ. މި މެޗް ސީއެސްއިން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު ތިން ސެޓު ދެ ސެޓުންނެވެ.
އިއްޔެގެ މޮޅާއެކު ސީއެސްވަނީ ޖުމްލަ 12 ޕޮއިންޓް ހޯދާފައެވެ. ގޯޅިއަށް ލިބުނީ 5 ޕޮއިންޓެވެ. ސީއެސްގެ ޓީމުން ދެން ނުކުންނާނީ މިހާރު ރާއްޖޭގައި އޮތް އެންމެ ވަރުގަދަ ބެޑްމިންޓަން ކްލަބް ރިވައިވަލްސްއާ ދެކޮޅަށެވެ. މިމެޗް އޮންނާނީ މާދަމާ ހަވީރުއެވެ.
ގޯޅި ސްޕޯޓްސް ކްލަބުގެ މެޗެއް ދެން އޮންނާނީ ހުކުރުދުވަހުގެ ރެއެވެ. ގޯޅި ނިކުންނާނީ ޔުނައިޓެޑް ވިކްޓްރީއާއި ދެކޮޅަށެވެ. މި މެޗަކީ ގޯޅި އަދި ޔުނައިޓެޑް ވިކްޓްރީއަށްވެސް މުހިއްމު މެޗެކެވެ.