ރައީސް ސާލިހި ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގެ ޚަރަދުތަކުގެ ތަފްސީލު ރަސީދުތަކާއިއެކު ހާމަކޮށްފިއެވެ. މި ތަފްސީލުތައް ރަސީދުތަކާއެކު ހާމަކޮށްފައިވަނީ ހިތަދޫ މެދު ދާއިރާގެ މެންބަރު އަދި ކުރީގެ ނޫސްވެރިޔާ އަހްމަދު އަޒާން މަރްޒޫގެވެ.
އޭނާ މިތަފްސީލުތައް ހާމަކޮށްފައިވަނީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުފުޅަކާ ގުޅިގެން ސަރުކާރުންކުރި އެންމެހައި ޚަރަދުތަކާ ގުޅޭ ރަސީދުތަކުގެ ކޮޕީ، އެ މަޢުލޫމާތަށް އެދުނު ފަރާތާ ޙިއްޞާކުރުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ނަންބަރު ICOM-A/2022/08 ނިންމުމުގައި އަންގަވާފައިވާތީ، އެ ނިންމުން އިސްތިއުނާފުކުރުމަށް އެދި 20 މާރިޗު 2022 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގެ ނަންބަރު 2022/HC-A/105 ޤަޟިއްޔާއިން ބައްލަވައި، އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމަށް ބަދަލު ގެންނަންޖެހޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅުއްވާފައިވާތީ، އެ ނިންމުން އިސްތިއުނާފުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އޭރު އެދިވަޑައިގަތުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 7 ޖުލައި 2023 ގައި އެޓާނީ ޖެނެރަލް އޮފީހުން އިސްތިއުނާފުކުރި ކުރުން އަނބުރާ ގެންދިއުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ނިންމި ނިންމުމަށްފަހު، އެމައުލޫމާތު ރައީސް އޮފީހުން އަޒާންއަށް ދޫކުރުމާއި ގުޅިގެންނެވެ.
މި މައްސަލައަކީ އދ. ގެ 76 ވަނަ އާންމު މަޖިލީހުގައި ތަގުރީރު ކުރެއްވުމަށް ރައީސް ސޯލިހު ކުރެއްވި ދަތުރުގެ ހަރަދު ހޯދަން ކުރީގެ ނޫސްވެރިޔާ، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ކޯޓަށް ހުށަހެޅުއްވި މައްސަލައެކެވެ.
ރަސީދުތައް ސިއްރުކުރުމަށް އޭރު ރައީސް އޮފީހުން ނިންމުމުން ހައިކޯޓަށް ހުށަހެޅި މި މައްސަލާގައި އެ ކޯޓުން ނިންމީ ބައެއް މައުލޫމާތުތައް އުނިކޮށްފައި ރަސީދުތައް ދޫކުރުމަށެވެ. އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލާގައި މި ސަރުކާރުންވެސް ވަނީ، މައުލޫމާތު ސިއްރުކުރަން ސޯލިހުގެ ސަރުކާރުން ނިންމި ނިންމުން ދިފާއުކޮށްފަ އެވެ.
އޭޖީ އޮފީހުގެ ނިންމުން ބަދަލު ކުރުމަށް ނިންމާފައިވަނީ، އެމައްސަލަ އިސްތިއުފާ ކޮށްފައި އޮތް އޮތުމަށް މިހާރުގެ މެމްބަރު އަޒާން ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ.
ރައީސް އޮފީހުން ދޫކޮށް، އަޒާމް އާންމުކޮށްފައިވާ ރަސީދުތަކުގައިވަނީ ރައީސް ސާލިހު ފަރިއްކުޅުއްވި ކާނާގެ އަގުތަކާއި އަދި އެކޮމޮޑޭޝަނަށް ކުރި ޚަރަދުތަކަށް ފައިސާ ދެއްކި ރަސީދުތަކާއި އޭގެ ތަފްސީލުވެސް ހިމެނެއެވެ.