ގައުމީ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަ ކުރެއްވޭނީ ވަރަށް މަތިވެރި އަޚްލާގެއްގެ މަތީގައި ދެމި ތިބެވިގެން ކަމުގައި ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި މިރޭ ސްޓޭޖް މަތިން އިނާމް ހާސިލްކުރި ހުރިހާ ބޭފުޅުންކީވެސް ކެތްތެރިކަމާ ލޯތްބާއެކު ދައުލަތަށް ޚިދުމަތްކުރެއްވި ބޭފުޅުން ކަމަށާއި، އެހުރިހާ ބޭފުޅުންގެ އައިލާތަކަށް މަރުހަބާއާއި ޝުކުރު އަދާކުރައްވާކަމަށެވެ.
އަދި ރައީސް ވަނީ ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައިގެން ގައުމީ އިނާމް ހާސިލް ކުރެއްވި ހުރިހާ ފަރާތްތަކަށްވެސް މަރުހަބާ ވިދާޅުވެފައެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި، 138 ބޭފުޅަކަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވާފައެވެ. އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަން ދެއްވީ، މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވެވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެށްޓެވި ޝަރަފުވެރި އިނާމެކެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ނަން ހުށަހެޅުއްވި ބޭފުޅުންގެ އިތުރުން، ދިވެހި ދައުލަތަށް 45 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް މި ޝަރަފް ނޭރުވޭ ބޭފުޅުންނަށް މި ޝަރަފް އެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، އެބޭފުޅުންގެ ރެކޯޑުތައް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވުމަށްފަހު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ ބޭފުޅުންގެ ތެރެއިން އިނާމު ދިނުމުގެ ޝަރުޠު ފުރިހަމަވާ ބޭފުޅުންނަށްވެސް ޝަރަފްގެ ބެޖާއި އައްޑަނަ އެރުވުނެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވި 138 ބޭފުޅުންގެ ތެރޭގައި ހިމެނެނީ 30 އަންހެން ބޭފުޅުންނާއި 108 ފިރިހެން ބޭފުޅުންނެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރެއްވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ.
މިރޭގެ ޖަލްސާގައި، އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ފަރާތްޕުޅުން ވާހަކަ ދެއްކެވީ ވ. ތީރު, އަލްފާޟިލް ޢަބްދުލްމުޙްސިން ރާމިޒް އެވެ.