މާލީ ގޮންޖެހުންތަކެއްގެ ތެރޭގައި އޮތް، ދައުލަތުގެ މަސް ކުންފުނި މިފްކޯގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އެކުންފުނީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެންނަން ނިންމައިފިއެވެ.
މިފްކޯގެ މެނޭޖްމަޓުން އެކުންފުނީގެ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ވިދާޅުވެފައިވަނީ، މިއީ ބޯޑުގެ ނިންމުމެއްކަން އަންގާފައެވެ.
އެގޮތުން އެ ސިޓީގައި ވާގޮތުން ބޯޑުން ނިންމާފައިވަނީ ކުންފުނީގެ ވެރިންގެ އަސާސީ މުސާރައިން 20 އިންސައްތަ ކުޑަކުރުމަށް ނިންމާފައިވާ ކަމަށާއި، އަދި ޕާފޯމަންސްއަށް ބަލާ އުސޫލުތަކާއި އެއްގޮތަށް ވަޒީފާއިން ވަކި ކުރުމަށްވެސް ނިންމާފައިވާ ކަމުގައެވެ.
އޭގެ އިތުރަށް، ކުންފުނީގައި ކޮންޓެރްކްޓް މުވައްޒަފުންގެ ގޮތުގައި ތިބި މުވައްޒަފުންގެ ކޮންޓްރެކްޓްގެ އަދަދު އިތުރު ނުކުރުމަށްވެސް އެކުންފުނިން ނިންމާފައިވާކަން މެނޭޖްމަންޓުން ވަނީ މުވައްޒަފުންނަށް އަންގާފައެވެ.
ޚަރަދު ކުޑަކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތައް:
• ކުންފުނީގެ ސީނިއަރ އަދި މިޑްލް މެނޭޖްމަންޓުގެ ވެރިންގެ އަސާސީ މުސާރައިން 20 އިންސައްތަ ކުޑަކުރުން، މީގެތެރޭގައި ސީ.އީ.އޯ އިން ފެށިގެން ސީނިއަރ މެނޭޖަރ ރޭންކުގައި ތިބި ފަރާތްތައް ހިމެނުން
• މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގައި ހުރި ފަރަގުތައް ކުޑަކުރުމުގެ ގޮތުން ހުރިހާ ޑިޕާޓްމަންޓްތަކެއްގެ މުސާރައިގެ އޮނިގަނޑު އެއް ހަމަކުރުން
• މުވައްޒަފުންގެ ތެރެއިން މަސައްކަތުގެ ޕާފޯމަންސްއަށް ބަލާ ވަޒީފާއިން ވަކި ކުރަންޖެހޭ މުވައްޒަފުން އުސޫލުތަކާއި އެއްގޮތަށް ވަޒީފާއިން ވަކި ކުރުން
• ޕްރޮބޭޝަންގައި ތިބި މުވައްޒަފުންގެ ޕަރފޯމަންސަށް ބެލުމަށްފަހު ކޮންމެހެން ކުންފުންޏަށް ބޭނުންވާ މުވައްޒަފުން ފިޔަވާ އެހެން މުވައްޒަފުން ވަޒީފާއިން ވަކިކުރުން
• މިހާރު ދެމުންދާ އެލަވަންސްތައް މުރާޖާކުރުން، އެގޮތުން ޑެޕިއުޓީ ހެޑް އެލަވަންސް އާއި، އިންޖީނިއަރިން އެލަވަންސާއި، ކޭން ޕްރޮޑަކްޝަން އެލަވަންސާއި، ރިސްކް އެލަވަންސާއި، ނޮން ޕްރެކްޓިސް އެލަވަންސް ދިނުން ހުއްޓާލުން
• އިތުރު ގަޑީގައި މަސައްކަތްކުރަން ކޮންމެހެން ޖެހޭ ފަރާތްތައް ފިޔަވާ އިތުރުގަޑީގައި މަސައްކަތް ނުކުރުން
ޕީސީބިން ދާދިފަހުން ވަނީ މިފްކޯއަށް ރާއްޖެއިން ބޭރުގެ ސީއީއޯއެއް ހޯދުމަށްވެސް އިއުލާން ކޮށްފައެވެ. އެހެންނަމަވެސް އެ މަގާމަށް ޝަރުތު ހަމަވާ މީހަކު އެބުރުގައި ކުރިމަތިލާފައި ނުވާތީ އެމަގާމަށް މީހަކު ހޯދުމަށް އަލުންވަނީ އިއުލާން ކޮށްފައެވެ.
ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިފްކޯއިން މަސްވެރިންނަށް ފައިސާ ދެމުން ނުދާކަމަށްބުނެ މަސްވެރިންވަނީ ފާއިތުވި މުއްދަތުގައި ދެ ފަހަރެއްގެ މަތިން މުޒާހިރާ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ