ރާއްޖެއަށް ހަތިޔާރު ގެނައުމުގެ މަގު އޮތީ ހުޅުވިފައި: ކަސްޓަމްސް

ރާއްޖެއަށް ހަތިޔާރު ގެނައުމުގެ މަގު އޮތީ ހުޅުވިފައި: ކަސްޓަމްސް

ރާއްޖެއަށް ހަތިޔާރު ގެނައުމަށް ނިޔަތް ގަނެފި ނަމަ، ރާއްޖޭގެ ބޯޑަރުތައް އޮތީ ހަތިޔާރު ގެނެވޭނެ މަގު ހުޅުވިފައި ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފިއެވެ.

ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގައި ވާހަކަ ދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރު އޮފް ކަސްޓަމްސް އިސްމާއިލް ހަމްދޫން ވިދާޅުވީ ކަސްޓަމްސްގެ އޮފިސަރުން މިހާރު ތިބެން ޖެހެނީ ބަނދަރުތަކުގައި ކަމަށްވާ އިރު، ބަނދަރާ ހަމައަށް ބަޔަކު އައުމުގެ ކުރިން ބޭރުން އަންނަ އުޅަނދުތަކަށް ކޮންމެ ކަމެއް ވެސް ކުރެވިދާނެ ކަމަށެވެ.

އެފަދަ އުޅަނދުތައް ބަނދަރާ ހަމައަށް ދިއުމުގެ ކުރިން، ކަނޑުމަތިން ލޯކަލް އެހެން އުޅަނދުތަކަށް މަސްތުވާތަކެތި އަރުވައިގެން ފަޅުރަށްރަށަށް ގެންދާ މައްސަލަތަކެއް ވެސް ފުލުހުން ބަލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ އިންތިހާ އަށް ކަންބޮޑުވާ ކަމެއް. އޮތީ އެ މީހަކު ބޭނުންވާ ކަމަކަށް ނިޔަތް ގަތުން. މިސާލަކަށް ހަތިޔާރު ގެންނަން މީހަކު ނިޔަތް ނުގަންނަނީ. ނިޔަތް ގަނެފިއްޔާ ރާއްޖެ އަށް ހަތިޔާރު ގެނެވޭނެ މަގު އޮތީ ހުޅުވިފައި." ހަމްދޫން ވިދާޅުވިއެވެ.

ހަމްދޫން ވިދާޅުވީ ކަސްޓަމްސްއިން ގެންދަނީ މި ވަގުތު ވެސް ގިނަ ބަނދަރުތަކެއް ބަލަހައްޓަމުން ކަމަށެވެ. އެ މަސައްކަތް ކަސްޓަމްސްގެ ކެޕޭސިޓީގެ ތެރެއިން ކުރަމުންދާއިރުގައި އެންމެ ބޮޑު ޗެލެންޖަކީ ކަސްޓަމަސްގެ އޮފިސަރުން ބަނދަރުތަކުގައި ތިބެން ޖެހޭތީ ކަމަށް ވިދާޅުވިއެވެ.

" މި ބަނދަރާ ހަމައަށް އަންނަނީ ކަނޑުގައި އުޅަނދެއް ދުއްވާފައި. އަންނަ އިރުގައި އެބަ އޮވޭ ބަނދަރާ ހަމަޔަށް ނައިސް ކިތަންމެ ކަމެއް ކުރެވޭ ގޮތަށް. ރާއްޖޭގެ އިގްތިސޯދީ ސަރަހައްދަކީ ވަރަށް ބޮޑު ސަރަހައްދެއް. ސިޔާދަތީ ބާރު ލިބެނީ 12 މޭލަށް. 12 މޭލަށް ބެލިޔަސް އެ ބާރު ހިނގާ ސަރަހައްދު ވެސް އަޅުގަނޑުމެންނަށް ރަނގަޅަށް ނުބެލެ. އެ އަންނަ އުޅަނދުގައި ގެންނަނީ ކޮށްޗެއްތޯ އަޅުގަނޑުމެންނަށް ބެލެން އޮންނަނީ އޭތި ބަނދަރު ކުރީމަ." ހަމްދޫން ވިދާޅުވިއެވެ.

ހަމްދޫން ވިދާޅުވީ އެކަންކަން ބެލޭނެ ނިޒާމްތަކަކީ ވައިގެ މަގުން ބެލެހެއްޓުން ކަމަށެވެ. އެގޮތުން ޑްރޯން ބޭނުންކޮށްގެން އެކަން ހައްލުކުރެވޭނެ މަގެއް ހޯދުމަށް އެމްއެންޑީއެފްއާ އެކު މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *